ޚަބަރު

އާރްޓީއެލްގެ ހަލުވި ސްޕީޑާއެކު ކަށަވަރުކޮށްދިނީ ޖީބަށް ލުއި ދަތުރުފަތުރުގެ ނިޒާމެއް


ޖަޒީރާވަންތަކަން ނަގާލެވޭ ގޮތަށް ރަށްރަށުން މީހުން ބާލައިގެން ގެނެސް އެއްފަސްކޮށް ތޮއްޖެއްސުމުގެ ބަދަލުގައި، ޖަޒީރާވަންތަ ސިފަޔާއި ފުށުނާރާގޮތަށް ރަށު ބަންދުން ފިލުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މިމަގުން ކަންކަން ބައްޓަންކުރުމަށްޓަކާ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތާއެކު ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އާބާދީތައް ގުޅުވާލުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުދުރަތީގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައިވާގޮތުން ހަރުދަނާ ކަނޑުދަތުރުފަތުރުގެ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. އެހެންނަމަވެސް މިހާތަނަށްވެސް ރައްޔިތުންނަށް ބަރޯސާވެވޭ ޚަރަދުކުޑަ މިފަދަ ނިޒާމެއް ޤާއިމުކުރެވިފައެއްނުވެއެވެ.

ދަތުރުތަކަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި، އުފުލަންޖެހޭ ތަކުލީފުގެ ވާހަކައަކީ ރައްޔިތުން ޒަމާންތަކެއްވަންދެން އުފުލަމުންދިޔަ ޝަކުވާތަކެކެވެ. ރައްޔިތުންގެ މި ޝަކުވާތައް އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށްވަޑައިގަތީ، އާއްމު ދަތުރުފަތުރުގެ ނިޒާމަށް ދިރުންގެނެސް، މި ދާއިރާއިން ރައްޔިތުންނަށް ތަފާތެއް ދެއްކެވުމުގެ ވަރުގަދަ އަޒުމާއެކުއެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ގައެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. މި ޚިދުމަތް ޒޯން އެކެއްގައި ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ 27 ސެޕްޓެމްބަރ 2022 ގައެވެ. މި ޚިދުމަތުގައި އެމް.ޓީ.ސީ.ސީން ބޭނުންކުރަމުންދަނީ ދުވެލި ހަލުވި، ޒަމާނީ އުޅަނދުތަކެކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް ޒޯން 1 ރަސްމީކޮށް އިފުތިތާޙުކުރުމަށް ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިކަން ސިފަކުރެއްވީ، މިއީ ބޮޑު އުތުރާއި، މުޅި ބޮޑު ތިލަދުންމައްޗަށް ތާރީޚުގައިވެސް އަންނަ އެންމެ ބޮޑު ބަދަލުގެގޮތުގައެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އާރު.ޓީ.އެލްގެ އުޅަނދުފަހަރު އީކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލެވޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ބޮޑުތިލަދުންމަތީގެ މި ބޮޑު ބަދަލާ އެއްގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ރަށެއް ގުޅައިލުމަށް ބޭނުންވާ މިފަދަ ޒަމާނީ އިތުރު 65 އުޅަނދު ބަނުމުގެ ކޮންޓްރެކްޓް ހަވާލުކުރެވި، އެ މަސައްކަތް ހިނގަމުން އެބަދޭ. ރަށްތައް ގިނަޔަސް، އުޅަނދުތަކުގެ ޢަދަދު މައްޗަސް، މިކަމުގައި ފަސްޖެހި ލަސްކުރެވޭކަށް ނެތް. ސަބަބަކީ ބޮޑުތިލަދުންމައްޗަށް ގެނެވުނު މި ބޮޑު ބަދަލު، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ނުގެނެސް، މާނަވީ ބަދަލެއް ރާއްޖެއަށް އަންނާނެތޯ؟ ރައްޔިތުން ފުދުންތެރިވެވޭނީ ހެލިފެލިވެ ފުރާ ދުއްވިގެން. ގޮސް އައިސް ވެވިގެން. އާރު.ޓީ.އެލް.ގެ ޖީބަށް ލުއި، އަރާމު ބާރު ދުވެއްޔަކީ، އިޤްތިޞާދީ ޙަރަކާތް އެތައް ގުނައެއް އިތުރުވާނެ ކަމެއް" ރައީސް ޞާލިޙު ވިދާޅުވިއެވެ.

އާރް.ޓީ.އެލްގެ ހައި ސްޕީޑް ފެރީ ޚިދުމަތާއެކު، ކަނޑުދަތުރުފަތުރު ކުރުމުގައި ރައްޔިތުން އުފުލި ބުރައާއި ވޭން މާޒީވެ، މުޅި މަންޒަރު މިވަނީ ބަދަލުކޮށްލާފައެވެ. ވަކިން ޚާއްސަކޮށް މި ޚިދުމަތާއެކު ދުރުދުރުގައި އެކަހެރިކޮށް އޮތް ކުދިކުދި ރަށްތައްވެސް ގުޅި، ބޭސްފަރުވާއަށާއި، ވިޔަފާރީގެ ބޭނުމަށް ކުރަންޖެހޭ ދަތުރުތަކުގެ އަގު ވަނީ އެތައް ގުނައެއް ހެޔޮވެފައެވެ.

ޒަމާނީ ދަތުރުފަތުރުގެ ލުއިފަސޭހަކަމާއެކު އާރް.ޓީ.އެލުން ޔަޤީންކޮށްދިން އަނެއްކަމަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ އެތައް ފުރުޞަތުތަކެކެވެ.