ވިޔަފާރި

ޑަބްލިއުޓީއެމްގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފި


ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރކަމުގައިވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަންގައި އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ. މި ފެއަރ ކުރިއަށްދަނީ މިމަހުގެ 7 އިން 9 އަކަށް އެކްސެލް ލަންޑަންގައެވެ. މި އަހަރު ޑަބްލިއުޓީއެމް ލަންޑަނުގައި ރާއްޖޭގެ ވަފުދު ލީޑްކުރައްވަނީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގް ޑިރެކްޓަރު ޠައްޔިބު މުޙައްމަދެވެ.

އެމްއެމްޕީއާރުސީއާއިއެކު މި ފެއަރގައި ޓޫރިޒަމް އިންޑަސްޓްރީގެ 80 ކުންފުންޏަކުން 173 މީހުން ބައިވެރިވެއެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ ޑަބްލިޔުޓީއެމް ލަންޑަން 2022 މެދުވެރިކޮށް އިނގިރޭސިވިލާތުގެ ޓްރެވަލް ޓްރޭޑާއި ގްލޯބަލް ޕާޓްނަރުންނާ ބައްދަލުކޮށް ރާއްޖެއާއި ރާއްޖޭގެގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާކުރުންކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ޑަބްލިއުޓީއެމް ލަންޑަނުގައި އެމްއެމްޕީއާރުސީއިން ބައިވެރިވުން މިއަހަރު އިތުރަށް ޚާއްޞަވެގެން ދަނީ، މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރޭ ރަން ޔޫބިލް އަހަރު ކަމަށްވާތީއެވެ. 3 ދުވަހުގެ މި ހަރަކާތުގެ ތެރެއިން ރާއްޖެއަށް އިނގިރޭސިވިލާތާއި ދުނިޔޭގެ ފެންވަރުގައި އޮތް މަގުބޫލުކަން ދަމެހެއްޓުމުގެ މަޤްސަދުގައި އެމްއެމްޕީއާރުސީއިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

ޑަބްލިއުޓީއެމް ލަންޑަން 2022 ގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރާ ދުނިޔޭގެ އެކި ގައުމުތަކުގެ މީޑިއާ އޮފިޝަލުންނަށް ރާއްޖެއާއި ބެހޭ އެންމެ ފަހުގެ އަޕްޑޭޓްތައް ފޯރުކޮށްދެނީ ޠާއްޔިބު ދެއްވާ އިންޓަވިއުތަކުގެ ތެރެއިންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ސްޓޭންޑްގައި އިންޑަސްޓްރީ ޕާޓްނަރުންނާއި އެމްއެމްޕީއާރުސީގެ އޮފިޝަލުންނަށް މަންޒިލާ ބެހޭ ޕްރެޒެންޓޭޝަންތައް ދިނުމަށް ރާއްޖެއަށް ޚާއްސަ 'ރީޑިފައިނިންގ މައިސް' ކޮންސެޕްޓުގެ މައްޗަށް ޑިޒައިންކޮށްފައިވާ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ ސްޓޭންޑްގައި މިއަހަރު އަލަށް 360 ޑިގްރީގެ ކެމެރާ ބޭނުންކޮށްގެން، ރާއްޖޭގެ ރީތި މަންޒަރުތަކާއެކު ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ މަޤްސަދަކީ ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަރޗުއަލްކޮށް، ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

ޑަބްލިއުޓީއެމް ލަންޑަންގެ މިއަހަރު ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރުގެ ތީމާއި ގުޅުވައިގެން "މޯލްޑިވްސް މީޑިއާ މީޓް" ގެ ނަމުގައި ބާއްވާ ހާއްސަ ޕްރެސްކޮންފަރެންސްއެވެ. މީގެ އިތުރުން މި ދުވަސްވަރާ ދިމާކޮށް، އިނގިރޭސިވިލާތުގައި ރާއްޖެ ސްޓްރެޓަޖިކަލީ ޕްރޮމޯޓުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެޤައުމުގެ މައި ތިން ސިޓީއެއްގައި ރޯޑްޝޯތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރޯޑްޝޯ ސީރީޒް ކުރިއަށްދާނީ ލަންޑަން، މެންޗެސްޓާރ، އަދި ނިއުކާސަލްގައި މި މަހުގެ 9 އަކުން 11 އަށެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ޒަމާންވީ އެއް މާކެޓެވެ. އިނގިރޭސިވިލާތުން މި އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް 147،535 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ.