ހިންމަފުށީ ސިއްޙީ މަރުކަޒު ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރުން 2.6 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމައިފިއެވެ. މިއީ ޖަޕާން ސަރުކާރުގެ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ.
ޖަޕާން ސަރުކާރުން ފޯރުކޮށްދޭ މި އެހީގެ ދަށުން ކ.ހިންމަފުށީ ސިއްޙީ މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ވަޞީލަތް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން އެމަރުކަޒުގައި އެމަރޖެންސީ ރޫމަކާއި ލެބޯޓްރީގެ ޚިދުމަތާއި އެކްސްރޭ ރޫމަކާއި 2 ކޮންސަލްޓޭޝަން ރޫމް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިއެއްބަސްވުމުގެ ދަށުން ސިއްޙީ މަރުކަޒު ތަރައްޤީކޮށް ނިމޭއިރު އެމަރުކަޒުން ރޭޑިއޮލޮޖީގެ ޚިދުމަތާއި ލެބޯޓްރީއާއެކު މުހިއްމު އެތައް ޓެސްޓުތަކެއް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއިން ވިދާޅުވެއެވެ. މިމަސައްކަތް ކުރިއަށްދާއިރު ސިއްޙީ މަރުކަޒުގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި ހިންމަފުށީ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ހިންމަފުށީ ސިއްޙީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެމަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ، ޢަބްދުﷲ ޝަފީޢުއެވެ. ޖަޕާން ސަރުކަރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީއެވެ.
ޖަޕާނަކީ ރާއްޖެއަށް އެކި ގޮތްގޮތުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. ޚާއްސަގޮތެއްގައި ސިއްޙީ ދާއިރާއިންނާއި ތިމާވެއްޓާއި، ތަޢުލީމާއި، ޙަކަތައިގެ ދާއިރާގެ އިތުރުން ރައްޖޭގެ ދިފާޢީ ދާއިރާއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުމާއި ވަޞީލަތްތައް ހަމަކުރުމުގައި ޖަޕާން ސަރުކާރުގެ ހިއްސާބޮޑެވެ. މިގޮތުން 1996 ވަނަ އަހަރުން ފެށިގެން ޖަޕާނުން އަންނަނީ މިދާއިރާތަކުން ރާއްޖެއަށް އެޤައުމުގެ އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންޓްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.