ޚަބަރު

މާލޭގައި ދުއްވަން ތިމާވެއްޓާއި ރައްޓެހި ބަސްތަކެއް


އެމްޓީސީސީއިން ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަސްތަކެއް ރާއްޖެއަށް ގެނެސްފިއެވެ.

އެމްޓީސީސީއިންވަނީ މާލެއަށް މިފަދަ 6 ބަސް ގެނެސްފައެވެ. މިބަސް މިހާރު ކަސްޓަމްސްއިން ކްލިއަރކޮށްފައިވާއިރު އޮޕަރޭޝަނަށް ނެރުމަށްޓަކައިވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

ރާއްޖެއަކީ ޖައްވަށް ބޭރުކުރާ ވިހަގޭސް ބޭރުކުރުން ހުއްޓާލާ ޤައުމަކަށް ހެދުމަށް ނެޓް ޒީރޯއަށް ދިޔުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެކެވެ. "ނެޓްޒީރޯ 2030" ސިޔާސަތުގެ ދަށުން ސަރުކާރުގެ މުވައްސަސާތަކުން އަންނަނީ އެ އަމާޒަށް މަސައްކަތްކުރަމުންނެވެ. މިގޮތުން އެމްޓީސީސީއިން ރާއްޖޭގައި ދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އާރްޓީއެލް މީނީ ބަހަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް ހެދުމަށް އެކުންފުނިންވަނީ މާލެއަށް އިލެކްޓްރިކް 6 ބަސް ގެނެސްފައެވެ.


އެމްޓީސީސީއިން ހޯމަ ދުވަހު މާލެއަށް ގެނެސްފައިވަނީ 11 މީހުންގެ ޖާގައިގެ ބަސްތައްކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި މިބަސްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރޮޅުލީ ގޮނޑީގައި، ފަސޭހައިން އެރެވޭގޮތަށް ފަރުމާކޮށްފައިވާ ބަސްތަކެކެވެ. އަދި މާލޭގެ ހަނި މަގުތަކަށް އެންމެ އެކަށޭނެ ގޮތަށް ފަރުމާކޮށްފައިވާ ބަސްތަކެއްވެސްމެއެވެ.

އެމްޓީސީސީއިން ވިދާޅުވީ އިލެކްޓްރިކް މިބަސްތައް ޗާޖުކުރެވޭނެ އިންތިޒާމު ގްރޭޓަރ މާލޭ ބަސް ޓަރމިނަލްގައި ޤާއިމުކޮށްފައިވާކަމަށެވެ. އަދި މިވަގުތު ކުރަމުން އަންނަނީ ބަސްތައް ރަޖިސްޓަރ ކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ. މިމަސައްކަތްތައް ނިމުމުން ވީއެންމެ އަވަހަކަށް އާރްޓީއެލް ބަހުގެ ޚިދުމަތަށް މިބަސްތައް ނެރޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އެމްޓީސީސީގެ އާރްޓީއެލް ޚިދުމަތުގައި ޖުމްލަ 41 ބަސް ބޭނުންކުރަމުން އަންނައިރު މީގެތެރެއިން 18 ބަސް ބޭނުންކުރަމުންދަނީ މާލޭގައެވެ.

ތިމާވެށީގެ ދާއިރާއިން ރާއްޖެއަކީ ދުނިޔެއަށް ނަމޫނާ ޤައުމަކަށް ހެދުމަށް ރާއްޖެއަކީ ކާބަން ފްރީ، ނުވަތަ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ބޭރުކުރުން އެއްކޮށް ހުއްޓާލާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން ރާއްޖޭގައި ޙަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ހުއްޓާލާ އިޔާދަކުރަނިވި ވަޞީލަތްތައް ބޭނުންކޮށްގެން ޙަކަތަ އުފެއްދުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިސިޔާސަތުގެ ދަށުން ސަރުކާރުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ އެއްކުންފުނި ކަމުގައިވާ އެމްޓީސީސީގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތައް ތިމާވެއްޓާ ރައްޓެހި އުޅަނދަށް ހެދުމުގެ މަސައްކަތްމިވަނި ފަށާފައެވެ.

އާރްޓީއެލްގެ ޚިދުމަތް ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ވަނީ ފަށާފައެވެ. އެމްޓީސީސީން ވިދާޅުވީ، އެކުންފުނީގެ ޚިދުމަތް ފުޅާކުރާއިރު ދެން ގެންނާނީ މުޅިންވެސް ތިމާވެއްޓާއި ރައްޓެހި ބަސްތައްކަމަށެވެ.