ޚަބަރު

ތަނަވަސް ބަނދަރަކާއެކު ދިގުރަށު ޢިޤްތިޞާދު އައު މިސްރާބަކަށް


ލާމަރުކަޒީ ގޮތުން ރަށްރަށުގެ ރައްޔިތުން ބާރުވެރިކުރުވާ ޢާމްދަނީ އިތުރުކުރެވޭނެ މަގުތައް ސަރުކާރުން އަންނަނީ ފަހިކޮށްދެމުންނެވެ. މިގޮތުން ޒަމާނުއްސުރެ ރަށްރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ހިންގާ މަޝްރޫޢުތަކަކީ ރަށްރަށުގެ އިޤްތިޞާދަށް ހުލުވޭ ދޮރެކެވެ. އޭގޮތުން ޒަމާނީ ތަނަވަސް ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށްދާ އެއްރަށަކީ އަރިއަތޮޅު ދެކުނުބުރީ ދިގުރަށެވެ.

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ، އދ.ދިގުރަށަކީ ފުޅާދާއިރާއެއްގައި ފަތުރުވެރިކަން ކުރަމުން އަންނަ ރަށެކެވެ. މިގޮތުން މިހާރުވެސް އެރަށުގައި 22 ގެސްޓްހައުސްއިން 420 އެނދު ފަތުރުވެރިކަމުގެ ސިނާޢަތަށް އޮޕަރޭޝަނަށްވަނީ ނެރެފައެވެ. އަދި އަންނަ އަހަރުވެސް ގިނަ ގެސްޓް ހައުސްތަކެއް ހުޅުވުމަށް އެރަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުޘްމާން ވިދާޅުވީ ދިގުރަށުގައި ފުޅާވަމުން އަންނަ ގެސްޓް ވިޔަފާރިއާއެކު، ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ކަނޑު އުޅަނދުތަކުގެ ޢަދަދު އިތުރުވެފައިވާކަމަށެވެ.


ކައުންސިލް ރައީސް ވިދާޅުވީ އެރަށުގައި، ޑައިވް ސެންޓަރތައްވެސް އިތުރުވަމުން ދިޔުމާއި، ގެސްޓް ހައުސްތަކާއި އަމިއްލަ ފަރާތްތަކުގެ ލޯންޗާއި ޑިންގީވެސް އެރަށުގައި އިތުރުވަމުންދާކަމަށެވެ. އަދި މިވަގުތުވެސް އެރަށުގައި ގެސްޓް ހައުސް ހެދުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ހިފައިގެން ގިނަ އުލަނދުތައް އެރަށަށް އަންނައިރު، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ލަފާފުރުމުގެ ދަތިކަންކަމަށް ކައުންސިލްގެ ރައީސް އިބްރާހިމް އުޘްމާން ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ބަނދަރުގެ ޖާގަ ނެތުމުގެ ސަބަބުން އެކަމުގައި ޢާއްމުންގެ ޝަކުވާއާއި ކަންބޮޑުވުންވެސް އޮންނަކަމަށެވެ.


މި ދަތިތަކަށް ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ ދިގުރަށުގައި ޒަމާނީ އަދި ތަނަވަސް ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. މިމަސައްކަތް ފެށުމަށް އެމްޓީސީސީއިން ވަނީ މިހާރު ސައިޓް މޮބިލައިޒްކޮށްފައެވެ. ދައުލަތުގެ ބަޖެޓުން 53 މިލިއަނަށްވުރެ ގިނަ ރުފިޔާއަ ޚަރަދުކޮށްގެން ހިންގާ މިމަޝްރޫޢުގެ ދަށުން 64000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބަނދަރު ފުންކޮށް 6700 މީޓަރަށްވުރެ ބޮޑު ސަރަޙައްދު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 294 މީޓަރުގެ އެއްގަމުއް ތޮއްޓަކާއި 287 މީޓަރުގެ ބޭރުތޮއްޓެއް ލުމަށްވަނީ ހަމަޖެހިފައެވެ. އަދި 98 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

ރަށްގިރުމުގެ މައްސަލައަކީވެސް ދިގުރަށަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިގޮތުން ރަށުގެ ހުޅަނގު ފަރާތުން ޢާއްމުން ދިރިއުޅޭ ހިސާބަށް ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުންވަނީ ބޮޑުވެފައެވެ. ރަށުގައި ޤާއިމުކުރާ އައު ބަނދަރާއެކު، އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލެއް އަންނާނެކަމަށް ދިގުރަށު ކައުންސިލުން ލަފާކުރެއެވެ.