ވިޔަފާރި

2 އަހަރަށްފަހު މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަންނަ އަހަރު ބާއްވަނީ


2 އަހަރަށްފަހު މޯލްޑިވްސް ޓްރެވެލްސް އެވޯޑްސް އަންނަ އަހަރު ބާއްވާނެކަމަށް މަޓާޓޯއިން ބުނެއެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯއިން ދެމުން އަންނަ އެވޯޑެކެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް، މަޓާޓޯއިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވެލް އެވޯޑްސް ކޯވިޑާއި ގުޅިގެން ވަނީ 2 އަހަރު ދުވަހަށް މެދުކެނޑިފައެވެ. މަޓާޓޯއިން ބުނީ އެއިރު ޓްރެވެލް އެވޯޑްސް ބާއްވާފައިނުވަނީ އެއަށްވުރެ މުހިންމު ކަންތައްތަކެއް ޤައުމަށް ކޮށްދޭންޖެހިފައިވާތީކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، 2 އަހަރަށްފަހު އަންނަ އަހަރު އަލުން މި އެވޯޑް ދޭންފަށާނެކަމަށެވެ. އެވޯޑް އަލުން ދޭއިރު އެވޯޑްގައި ތަފާތުކަމެއް ފެންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ދިވެހިރާއްޖޭގައި ވަރަށް ގިނަ ރިސޯޓްތަކުންނާއި ވަރަށް ގިނަ ގެސްޓްހައުސްތަކުންނާއި ލިވަބޯޑްތަކުން ވަރަށް ބޮޑަށް ބަލައިގަންނަ އެވޯޑެއް. 2012 ގައި ފެށިއަސް ކޮންމެ އަހަރަކު އަޅުގަނޑުމެން އެއިރުގައި ޓްރައިކުރިން އެކި އެޑިޝަންތަކަށް ބަހާލަން. ގެސްޓްހައުސް އެޑިޝަންވެސް އަޅުގަނޑުމެން ބާއްވަން. ދެން އަޅުގަނޑުމެންގެ ގާލާއާއި، ޕީޕަލްސް އެޑިޝަންވެސް އަޅުގަނޑުމެން ތައާރަފްކުރިން. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ފޯކަސްކުރަން އޭތިއަލުން ރިވައިވްކޮށްގެން ހަމަ ކުރިއަށްވުރެވެސް ރަނގަޅަށް އޭތި ރީލޯންޗްކުރަން." ގިޔާސް ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މަޓާޓޯއިން ވަނީ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ 8 އެޑިޝަން މިހާތަނަށް ބާއްވާފައެވެ.