ޚަބަރު

އަލިފުށީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށައިފި


ރ.އަލިފުށީގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބައެއް ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ. އެންމެ ފުރަތަމަ މަސައްކަތް ފަށާފައިމިވަނީ، އެއަރޕޯޓްގެ އަލިފާން ނިއްވާ އިމާރާތުގެ މަސައްކަތެވެ.

އަލިފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 1ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލުކުރީ ބިންހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއެކުއެވެ.

ބިން ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރުގެ އޮގަސްޓްމަހުއެވެ. މި ޕްރޮޖެކްޓްގައި އެރަށުން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިކުމުގެ މަސައްކަތް ނިމެމުންދާވަރަކަށް، އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ދަނީ ފަށަމުންނެވެ.

އަލިފުށިން ހިއްކާ 50 ހެކްޓަރު ބިމުގެ %80 ބޭނުންކުރާނީ އެއަރޕޯޓް ސަރަޙައްދަށެވެ. އަނެއް 10 ހެކްޓަރު ބޭނުންކުރާނީ ބޯހިޔާވަހިކަމާއި، ރަށުގައި އިޤްތިޞާދީ މަސައްކަތަކަށް ބިން ދޫކުރުމަށެވެ.

އަލިފުށީ އެއަރޕޯޓް މަސައްކަތުގައި އެންމެ ފުރަތަމަ ފަށާފައިމިވަނީ އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކެވެ. މިހާރު ކުރިއަށްދަނީ ފަޔަރ ޕޮންޑުގެ ޝަޓަރިންގ އާއި ބާ ބެންޑިންގ މަސައްކަތްތަކެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތަކުގައި ދެން ހިމެނެނީ ރަންވޭއެއް އެޅުމާއި ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓަރމިނަލް ބިލްޑިންގެ މަސައްކަތެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. އެއަރޕޯޓްގައި ހަދާނީ 1200 މީޓަރުގެ ރަންވޭއެކެވެ.

އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއް ފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް ޕްރޮޖެކްޓެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ރ.އަލިފުއްޓަކީ އަތޮޅުގެ އެހެން ރަށްތަކާއި ދުރުގައި އޮންނަ ރަށެކެވެ. ރަށް އޮންނަނީ މިހާރު އެ އަތޮޅުގައި އޮތް އިފުރު އެއަރޕޯޓާވެސް ދުރުގައެވެ. އަލިފުށި އެއަރޕޯޓާއެކު އެ ސަރަޙައްދުގެ ރައްޔިތުންނަށް ދަތުރުފަތުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ.