ޚަބަރު

"އެސްޖެހި ގަނޑުވަރު" ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތެރޭގައި ހިމެނޭ ފަރުކޮޅުފުށި އޮތް ސަރަހައްދަށް ބަދަލު ކުރި އެސްޖެހި ގަނޑުވަރު ތަރައްގީކޮށް، އެތަނުގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިޢުލާންކޮށްފިއެވެ.

އެޗްޑީސީން ވަނީ އެސްޖެހި ގަނޑުވަރު ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެޗްޑީސީން ވިދާޅުވީ އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އެ މަސައްކަތް ކުރުމަށް އެދި ހުށަހަޅައިފިނަމަ، މަސައްކަތް ހަވާލު ކުރުމުގައި އިސްކަން ދޭނީ އެޗްޑީސީގެ މާސްޓާޕުލޭނާއި އެ ތަން ތަރައްގީ ކުރުމުގައި އެ ކޯޕަރޭޝަނުން ގެންގުޅޭ ވިސްނުމާއި އެންމެ އެއްގޮތް މޮޑެލްއެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

މީގެއިތުރަށް އެ މަސައްކަތަށް ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓު ކުރުމުގައި އެ ހުށަހަޅާ ފަރާތުގެ އަމަލީ ތަޖުރިބާއާއި މާލީ ގާބިލިއްޔަތުކަމާއި ފަންނީ ފެންވަރާއި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި މިންވަރު ވެސް ބަލާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެސްޖެހި ގަނޑުވަރު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީގެ އިންވެސްޓުމަންޓު ގައިޑްލައިންއާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެކްސްޕުރެޝަން އޮފް އިންޓަރެސްޓު (އީއޯއައި) އެޕްލިކޭޝަން ފޯމު މި މަހުގެ 23، ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

އެސްޖެހި ގަނޑުވަރު ނުވަތަ އެސްޖެހިގެއަކީ އެސްޖެހި ގަނޑުވަރު މާފަތް ކިލޭގެފާނުގެ ގަނޑުވަރުކަމުގައި ބުނެވެއެވެ. އެސްޖެހި ގަނޑުވަރު މާފަތް ކިލޭގެފާނަކީ ސުލްތާން އިމާދުއްދީން 6 ގެ ރަސްކަމުގައި އުޅުއްވި އޭރުގެ މަޝްހޫރު ބޭފުޅެކެވެ. މިގަނޑުވަރު ބިނާކޮށްފައިވާ ސަރަހައްދަކީ ތާރީޚީގޮތުން މާލޭގެ މުހިއްމު ގިނަ ބިނާތަކެއްވެސް ހުރި ސަރަޙައްދެކެވެ.

މި ގަނޑުވަރުގެ ލަކުޑިން ހަދާފައިވާ މަތީފިލާއާއި ދޮރުތަކަށް 119 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. މި ގަނޑުވަރަށް ވަދެވެން ހުންނަ މައިދޮރުގެ މަތީގައި ހަރުކުރެވިފައިވާ ލޯފޮއްޗެއްގައި ލިޔެފައިވާގޮތުން މި ގަނޑުވަރުގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެންފެށީ 17 އޮކްޓޯބަރ 1872 ގައެވެ.

ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި އެސްޖެހި ގަނޑުވަރު ބިނާކުރެވުނީ 19 ވަނަ ޤަރުނުގެ މެދުތެރޭގައެވެ. މި ގަނޑުވަރު ބިނާކުރުމުގައި ބޭނުންކޮށްފައި ހުރީ އެ ޒަމާނުގައި ލިބެންހުރި އެންމެ މޮޅު ލަކުޑިއެވެ. އަދި މި ލަކުޑީގައި އަޅާފައިވާ ކުރެހުންތަކަކީ އެ ޒަމާނުގައި އުރިގެން ރާއްޖެއަށް ލައްގާފައިހުރި ބޯޓުފަހަރުގައި ހުރި ކުރެހުންތަކަށް ބަލައި، އެއިން ކޮންމެވެސް ވަރަކަށް ނަކަލުކޮށްގެން އެޅިފައިވާ ކުރެހުންތަކެއްކަމަށް ބުނެއުޅެއެވެ.

އެސްޖެހިގެއަކީ މާލޭގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން ފާހަގަކޮށްލެވޭ ތަނެކެވެ. އެ ޒަމާނުގެ އެހެން ބިނާއެއް މާލޭގައި މިހާރު ނެތުމުން، މިތަންވަނީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ދަފްތަރުގައި ހިމަނާފައެވެ.

އެޗް.ޑީ.ސީން މީގެކުރިން ވިދާޅުވެފައިވަނީ އެސްޖެހި ގަނޑުވަރު އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ ފަންނުވެރިންގެ ޚިޔާލުތައް ފޯރުކޮށްދޭ ގެލަރީއެއްގެ ގޮތުގައި ކަމަށެވެ. އަދި އެސްޖެހިގޭގެ ސަގާފީ ތަރިކަ ތަޖުރިބާކޮށްލުމުގެ ފުރުސަތު އާންމު ރައްޔިތުންނާއި ފަތުރުވެރިންނަށް ލިބިގެންދާނެ ކަމަށްވެސް އެޗް.ޑީ.ސީން ބުނެފައިވެއެވެ.