ފުލުހުންގެ ހައްޔަރުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު ރާއްޖެ ގެނަސްފިއެވެ.
އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ގެންދިޔައި މިދިޔަ މަހު 31 ގައެވެ. ހަށިގަނޑު ރާއްޖެ ގެނަސް ވަޅުލަނީ މިއަދު މަޢްރިބް ނަމާދަށް ފަހުއެވެ. ކަށުނަމާދުކުރުން އޮންނާނީ އާސަހަރާ މިސްކިތުގައެވެ.
— KashunamaadhuMV (@MvKashunamaadhu) November 5, 2022
މިދިޔަ މަހުގެ 25 ވަނަ ދުވަހު، ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެ ރަށު އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދު ނިޔާވީ، ހަމަ އެ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރާތީ، ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނުން މިހާރު އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.
ރަޝީދު ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރާކަމުގެ ތުހުމަތުގައެވެ. ފުލުހުން ވިދާޅުވީ، އޭނާ ނިޔާވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ތަޙުޤީޤުކުރުމަށް ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވީ އިންޑިއާއަށެވެ. ބައެއް ފަރާތްތަކުން އަންނަނީ އޭނާގެ މަރުގައި ފުލުހުންގެ އިހުމާލެއް ވާކަމަށް ތުހުމަތުކުރަމުންނެވެ. އެހެންކަމުން އޭނާގެ ޕޯސްޓްމޯޓަމް ހަދަނީ ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށެވެ. ނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ވަނީ ދެކޮޅު ހަދާފައެވެ.
އާއިލާގެ ނުރުހުމުގައި އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ، އެ ނިންމުން ބާތިލުކޮށް، މައްޔިއްތާގެ ޖަނާޒާގެ ކަންކަން ހަމަޖައްސަން ހަށިގަނޑު ހަވާލުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އޭނާގެ މަންމަ މަރްޔަމް އަހްމަދު، މާރަގަ/ގދ. ހޯނޑެއްދޫ، ސިވިލް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް މި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އެ މައްސަލަ އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަޙުޤީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ހިންގާ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.