ޚަބަރު

މާލެ ސަރަޙައްދުގައި 6000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތް، 54 ޓަވަރު


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރުޢޫތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ފަންތީގެ މީހުންނަށް ޚާއްސަކޮށް ހައުސިން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށެވެ. މީގެ ތެރޭގައި ސޯޝަލް ހައުސިން އާއި މިޑް ރޭންޖް އަދި މިކްސްޑް ރެސިޑެންޝަލް މަޝްރޫޢުތައް ހިމެނެއެވެ.

މީގެތެރެއިންވެސް އެންމެ ބޮޑު އިސްމެއް ދީފައިވަނީ ސޯޝަލް ހައުސިންއަށެވެ. ސޯޝަލް ހައުސިންއަކީ، ބޯހިޔާވަހިކަމެއް އެންމެ ބޭނުންވެފައިވާ އާއިލާތަކަށް، އަތްފޯރާ އަގުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫޢުތަކެވެ.

މީގެދަށުން، އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރަން ވަނީ ފަށާފައެވެ. 2 ކޮޓަރިއާ 3 ކޮޓަރީގެ އެއަޕަރޓްމަންޓްތައް ހިމެނޭ މި ޕްރޮޖެކްޓްގެ ބޮޑެތި މަސައްކަތްތައް ދަނީ ކުރިއަށެވެ.

ސަރުކާރުގެ ހައުސިން މަޝްރޫޢުތަކުގެ ތެރޭގައި މުޖުތަމަޢުގައި އުޅޭ ހުރިހާ ފަންތިއަކަށް އެކަށީގެންވާ މަޝްރޫޢުތައް ހިމެނެއެވެ.

މީގެދަށުން ހުޅުމާލޭގައި ފުރަތަމަ ފިޔަވަހީގައިވެސް، އަމިއްލަ 6 ކުންފުންޏަކާ ހަވާލުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢު އަންނަނީ ހިންގަމުންނެވެ. މީގެތެރޭގައި ފެޑޯ، އެޕޯލޯ، ސާސޭ، އާރްސީސީ، އެސްޖޭ އަދި އެޕޯލޯ ފަދަ ކުންފުނިތައް ހިމެނެއެވެ. އެއީ ޖުމްލަ 2175 ހައުސިން ޔުނިޓެވެ.

ރިއަލް އެސްޓޭޓް ޑިވޮލޮޕަރުންނާ ހަވާލުކޮށް ތަރައްޤީކުރާ އެންމެ ބޮޑު މަޝްރޫޢުއަކީ އެޕޯލޯ ހޯލްޑިންގްސާއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 1000 ހައުސިން ޔުނިޓެވެ. މީގެތެރެއިން 340 ހައުސިން ޔުނިޓްއަކީ، ކައުންސިލް ހައުސިން އަދި އެފޯޑަބަލް ހައުސިންގެ ރޭންޖްގައި ހިމެނޭ ހައުސިންތަކެވެ.

މި ފްލެޓްތަކުގެ އަގު އުޅޭނީ 5500 އާއި 8600 އާއި ދެމެދުއެވެ. އެއީ 2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ 9 ޓަވަރުގެ ތެރެއިން، ސޯޝަލް ހައުސިންގެ 3 ޓަވަރުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ޓަވަރުތައް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައިވެސް ތަރައްޤީކުރެއެވެ.

ދެން ހިމެނޭ ކުންފުނިތަކުން ތަރައްޤީކުރަނީ މިޑް ރޭންޖް ހައުސިންއާއި، މިކްސްޑް ރެސިޑެންޝަލް ޓަވަރުތަކެކެވެ. މި ހުރިހާ ކުންފުނިތަކުގެ ފްލެޓްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، މި ސަރުކާރުގެ ހައުސިން ޕްރޮޖެކްޓްތައް، ހުރިހާ ފަންތިއެއްގެ އާއިލާތަކަށްވެސް ޢަމާޒުކުރާކަމަށެވެ. ޔުނިޓްތައް ދޫކުރުމުގައިވެސް ބަލާނީ، އަމިއްލަ ނަމުގައި އަލަށް ބޯހިޔާވަކަމެއް ލިބިފައި ނެތް މީހުންނަށްކަމަށް އާރިފް ވިދާޅުވިއެވެ.

"މާލޭ ސަރަޙައްދުގައި 54 ހައުސިން ޓަވަރުގެ މަސައްކަތް ކުރިއަށްދޭ. ރިއަލް އިސްޓޭޓް ޑިވެލޮޕަރުންނާއެކު ގެންދާ ޕްރޮޖެކްޓްތައްވެސް ކުރިއަށްގެންދަނީ އަގު ކޮންޓްރޯލްކޮށް، ފުރަތަމަ ފަހަރަށް ފްލެޓް ގަންނަ މީހުންނަށް ޚާއްސަކޮށްގެން." އާރިފް ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ޖުމްލަ 54 ޓަވަރުގެ މަސައްކަތް ކުރިއަށްދެއެވެ. އެއީ ޖުމްލަ 6175 ހައުސިން ޔުނިޓްގެ މަސައްކަތެވެ. މި ޓަވަރުތަކަކީ 16 ބުރީގެ އިމާރާތްތަކެވެ. އެވަރެޖްކޮށް ޓަވަރެއްގައި އުޅޭނީ 100 އާއި 130 އާއި ދެމެދުގެ އެޕަރޓްމަންޓެވެ. މީގެތެރޭގައި 2 ކޮޓަރިން ފެށިގެން، 4 ކޮޓަރީގެ އެޕަރޓްމަންޓްތައް ހުންނާނެއެވެ.

ލަގްޒަރީ ކެޓަގަރީއަށް ޚާއްސަކޮށް މާލޭގައިވެސް އަންނަނީ ދެ ޓަވަރެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އޯޑިއޯން އަދި ނާދީ ހުރި ބިމުގައި ޓާޓާ ކުންފުނިން ތަރައްޤީކުރަމުންދާ 126 ހައުސިން ޔުނިޓެވެ. މި ދެ ތަނުގައިވެސް ޢަމަލީ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

ސަރުކާރުން ޢަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ތެރޭގައި، މީގެން ބޮޑު ބައެއް ނިންމާ ދޫކުރުމަށެވެ.