ވިޔަފާރި

80 ކުންފުންޏާއެކު މިއަހަރުގެ ޑަބްލިއުޓީއެމްއަށް އެމްއެމްޕީއާރުސީ ތައްޔާރު


"ޑަބްލިއުޓީއެމް ލަންޑަންގައި" މިއަހަރު އެމްއެމްޕީއާރުސީއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 80 ކުންފުންޏަކުން ބައިވެރިވާނެއެވެ. މިއީ ކޮންމެ އަހަރަކުވެސް ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރއެވެ.

ވޯލްޑް ޓްރެވެލް މާކެޓް ލަންޑަން، ނުވަތަ ޑަބްލިއުޓީއެމް ލަންޑަންއަކީ ދުނިޔޭގެ އެކި ޤައުމުގެ ފަތުރުވެރިކަން އިޝަތިހާރުކޮށް ކުރިއެރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ފެއަރއެކެވެ. މިއީ މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއް ހިމެނޭހެން ބޮޑު ޑެލިގޭޝަންއަކާއި އެކުގައެވެ. މިއީ ކޯވިޑް19 އަށްފަހު ފެއަރއެއްގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މިހާތަނަށް ބައިވެރިވާ އެންމެ ބޮޑު އެއް ޓީމެވެ.

އެމްއެމްޕީއާރުސީއާއިއެކު މިއަހަރުގެ ޑަބްލިއުޓީއެމްގައި ރާއްޖޭގެ 80 ކުންފުންޏަކުން 173 ފަރާތުން ބައިވެރިވާނެއެވެ. މިއީ މިދިޔަ އަހަރު މި ފެއަރގައި ބައިވެރިވި ފަރާތްތަކާއި އަޅާބަލާއިރު އިތުރު ޢަދަދެކެވެ. މިދިޔަ އަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި ބައިވެރިވެފައިވަނީ 58 ކުންފުންޏަކުން 92 މީހުންނެވެ.

ރާއްޖެއިން ކޮންމެ އަހަރަކުވެސް ޑަބްލިއުޓީއެމް ފެއަރގައި އަންނަނީ ބައިވެރިވަމުންނެވެ. މިއީ ރާއްޖެއިން ޑަބްލިއުޓީއެމް ފެއަރގައި ބައިވެރިވާ 38 ވަނަ އަހަރެވެ. އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، މިއަހަރުގެ ޑަބްލިއުޓީއެމްގައި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ވަރަށް މުހިންމު ކަމެއް ލޯންޗްކުރެވިގެންދާނެކަމަށެވެ. ނަމަވެސް އެއީ ކޮންކަމެއްކަމެއް ތައްޔިބު ވިދާޅެއްނުވެއެވެ.

"މި ފެއަރގައި ގިނަ ކަންތައްތަކެއް ހިނގާނެ. މިފަހަރު ސްޓޭންޓުން ދޭތެރެ ދޭތެރެއިން ޕްރެޒެންޓޭޝަންވެސް ދެވޭގޮތައް އަޅުގަނޑުމެން މިހަދަނީ. ތަފާތު އެކި ހަރަކާތް ކުރިއަށްގެންދާނެ މައުލޫމާތު ދިނުމަށްޓަކައާއި، މީހުން ބައިވެރިކުރުމަށްޓަކައިވެސް. އެތަނުގައި އަޅުގަނޑުމެން ލޯންޗްކުރާނަން ވަރަށް މުހިންމު ކަމެއް. މިއަންނަ އަހަރު އަޅުގަނޑުމެން [އެމްއެމްޕީއާރުސީ] ފައްޓާނެ ވަރަށް މުހިންމު ހަރަކާތެއް." ޠައްޔިބު ވިދާޅުވިއެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރ އޮންނާނީ މިމަހުގެ 7 އިން 9 އަށް އެކްސެލް ލަންޑަންގައެވެ. ޑަބްލިއުޓީއެމްގެ ތެރެއިން ރާއްޖޭގެ މައިސް ޓޫރިޒަމްވެސް ވަރަށް ފުޅާ ދާއިރާއެއްގައި ޕްރޮމޯޓްކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.