ޚަބަރު

މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރު، ބަޖެޓަށް ބުރަ ބޮޑު!


މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އޭގެ ނުރައްކަލަށް އެންމެ ފުރަތަމަ ހުށައެޅޭ ޤައުމުތަކުގެ އެންމެ ކުރީގައި ދިވެހިރާއްޖެ ހިމެނެއެވެ. މިހާރު ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރުވެސް މި ހަޤީޤަތް ދަނީ ފެންނަމުންނެވެ.

މިއާއެކު މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ ހޭދަ އިތުރުކުރަންވަނީ ޖެހިފައެވެ. އެހެންކަމުން އިތުރުވަމުންދާ ކާރިސާތަކުން އަރައިގަތުމަށް މާލީ ބޮޑު ބުރައެއް އުފުލަންޖެހިފައިވެއެވެ. އިތުރުވަމުންދާ ކާރިސާތަކާއެކު މިއެހީގެ ނިސްބަތް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިއީ ބަޖެޓު ކަނޑައަޅާއިރު އަންދާޒާކުރަން ދަތި ޢަދަދުތަކެއް ނަމަވެސް ކޮންމެ އަހަރަކުވެސް ބަޖެޓުން ހަމަޖައްސަންޖެހޭ ޚަރަދެވެ.

މޫސުމީ ބަދަލުތަކުން ބަޖެޓަށް އޮންނަ ބުރަ ދަނީ ބޮޑުވަމުން

މޫސުމީ ބަދަލާއެކު އިތުރުވަމުން އަންނަ ކާރިސާތަކުގެ ސަބަބުން ފޯރުކޮށްދީފައިވާ މާލީ އެހީތައް އަހަރުން އަހަރަށް އިތުރުވެފައިވާކަން ވޭތުވެދިޔަ 4 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލުމުން ހާމަވެއެވެ.

އެގޮތުން 2019 ވަނަ އަހަރުވަނީ މޫސުން ގޯސްވެ ހިނގާފައިވާ 55 ޙާދިސާއަކާއި ގުޅިގެން އެކަމުން އަރައިގަތުމަށް ބަޖެޓުން 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި 2020 ވަނަ އަހަރު މިފަދަ 47 ޙާދިސާއަކާއި ގުޅިގެން އެހީގެ ގޮތުގައި 0.9 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

2021 ވަނަ އަހަރު 15 ޙާދިސާއަކާއި ގުޅިގެން 1.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރިކޯޑުކުރެވިފައިވާ 16 ޙާދިސާއަކާއި ގުޅިގެން 1.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުންވަނީ ފޯރުކޮށްދީފައެވެ.

ރައްކާތެރި ފެން ފޯރުކޮށްދިނުމަށްވެސް ބަޖެޓުން ބޮޑު ހޭދައެއް

މޫސުމީ ބަދަލުތަކުގެ ސަބަބުން ރައްކާތެރި ބޯފެން ލިބުމުގައިވެސް ރާއްޖެއަށް ދަތިތަކާއިވަނީ ކުރިމަތިލާންޖެހިފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިއްސާރަ މޫސުން އަންދާޒާ ކުރަންވަނީ ދަތިވެފައެވެ.

ހަމައެއާއެކު ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔުމުގެ ސަބަބުން ބިމުގެ ފެންފަށަލަ ތަޣައްޔަރުވެ ގުދުރަތީގޮތުން ލިބެން ހުންނަ ސާފު ބޯފެން ހޯދުމަށްވަނީ ދަތިވެފައެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް ރައްކާތެރި ބޯފެން ރަށްރަށަށް ފޯރުކޮށްދިނުމަށް ސަރުކަރުން ބޮޑު ހޭދައެއްކުރެއެވެ.

މިގޮތުން 2019 ވަނަ އަހަރު ވަނީ ސާފު ބޯފެން ފޯރުކޮށްދިނުމަށް 11 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. 2020 ވަނަ އަހަރު 9.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު 2021 ވަނަ އަހަރުވަނީ 4.3 މިލިއަން ރުފިޔާ ފެން ފޯރުކޮށް ދިނުމަށް ހޭދަކޮށްފައެވެ. މިހިނގާ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް 9.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ.

ރަށްރަށުގައި ރައްކާތެރި ބޯފެން ފޯރުކޮށް ދިނުމަށް ޓަކައި ކުރާ ހޭދައިގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އުފުލަމުންދާ ބުރަ ކުޑަކޮށް މިކަމުގައި ދިމާވާ ހިރާސްތައް ކުޑަކުރުމަށް އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ބޯފެން ލިބޭނެ ނިޒާމުތައް ރަށްރަށުގައި ޤާއިމުކުރަމުންނެވެ.

މިގޮތުން މިވީ 4 އަހަރުގެ ތެރޭގައި ރައްކާތެރި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ރަށްރަށުގައި ގިނަ މަސައްކަތްވަނީ ކުރެވިފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރައްކާތެރި ބޯފެން ފޯރުކޮށް ދިނުމަށް އެކަނިވެސްވަނީ 113 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ޚަރަދުކޮށްފައެވެ. އަދި ސަރުކާރުގެ އަމާޒަކީ 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ބޯފެން ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ނިޒާމު ޤާއިމުކުރުމެވެ. މިގޮތުން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވެސް 158 ރަށެއްގައި ރައްކާތެރި ބޯފެނާއި ނަރުދަމާ ޤާއިމުކުރުމަށްވަނީ 644 މިލިއަން ރުފިޔާ ހިމަނާފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު މާލީގޮތުންވެސް އަންނަނީ ބޮޑުވަމުންނެވެ. އިޤްތިޞާދަށް މީގެސަބަބުން ކުރާ އަސަރު ކުޑަކުރުމަށް ސިޔާސަތު އެލުލަވާލުމުގައާއި ތަންފީޒުކުރުމުގައިވެސް ހަރުދަނާ މަސައްކަތްތަކެއްވަނީ ކުރަންޖެހިފައެވެ. މިކަމުގައި ސިޔާސަތުތައް އެކަށައަޅާފަރާތްތަކާއި ޢާއްމު ރައްޔިތުންގެ ޒިންމާވެސް ބޮޑެވެ. ވެށީގެ ރައްކާތެރިކަމަކީ ދިވެހިންގެ މުސްތަޤުބަލާއި ގުޅިފައިވާކަމަކަށްވާއިރު ވެއްޓަށް ނުރައްކާވެދާފަދަ އާދަކާދަތަކުން ދުރުހެލިވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއަކަށް ހަދަންޖެހެއެވެ. މިއީ ޤައުމީކަމެއްގެގޮތުގައި ދެކިގެން އެންމެން ގުޅިގެން މިއަދު މަސައްކަތްކުރަންޖެހެއެވެ.