ޚަބަރު

އިބޯލާ ފެތުރޭތީ ސަމާލުވާން ޓެޑްރޯސް ގޮވާލައްވައިފި


ޔުގާންޑާގެ ވެރިރަށް ކަމްޕާލާގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ އިބޯލާ ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށް ވިދާޅުވެ، އެ ކަމާމެދު ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ގޮވައިލައްވައިފިއެވެ.

އިބޯލާ ވައިރަސް ޑިޒީޒް (އީ.ވީ.ޑީ) ނުވަތަ އިބޯލާއަކީ ޖަނަވާރުންގެ ފުށުން އިންސާނުންގެ ހަށިގަނޑަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފަތުރާ ޖަނަވާރުތަކުގެ ތެރޭގައި ވައު، ޕޯކިޔުޕައިން އަދި ރާމާމަކުނު ޢާއިލާގެ ޖަނަވާރުތައް ހިމެނެއެވެ. އެއަށްފަހު، ހަށިގަނޑުން ބޭރުވާ ދިޔައިގެ ޒަރީޢާއިން މި ބަލި އިންސާނުންގެ ތެރޭގައި ފެތުރެއެވެ.

ޔުގާންޑާގައި މި ބަލި ފެތުރެން ފަށާފައިވާ ކަން އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އިޢުލާނު ކޮށްފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ 20ވަނަ ދުވަހުއެވެ. އެ ޤައުމުން މި ބަލި ޖެހިފައިވާ 150 މީހުން ފެނިފައިވާ ކަމަށާއި، 64 މީހަކު މި ބަލީގައި މަރުވެފައިވާ ކަމުގައި ޑަބްލިޔު.އެޗް.އޯ.އިން ބުނެއެވެ. މި ބަލި މިހާރު ވަނީ ވެރިރަށް ކަމްޕާލާއަށް ވެސް ފެތުރިފައެވެ.

"ކަމްޕާލާއަކީ ވަރަށް ތޮއްޖެހިފައިވާ ރަށެއް. އެތައް މިލިޔަން ބަޔަކު ދިރިއުޅޭ ރަށެއް. އެހެންވެ، އެ ތަނުގައި މި ބަލި ހަލުވިކަމާ އެކު ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑު. މި ކަމަށް އަވަށްޓެރި ޤައުމުތަކުން ސަމާލުވާން ޖެހޭނެ،" ޓެޑްރޯސް ވިދާޅުވިއެވެ.

ޔުގާންޑާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތްތަކަށް ޚަރަދު ކުރުމަށް އެ ޖަމުޢިއްޔާއިން ވަނީ އެ ޤައުމަށް 5.7 މިލިޔަން ޑޮލަރުގެ އެހީ ދީފައެވެ. މީގެ ކުރިން ވެސް އެ ޖަމުޢިއްޔާއިން ވަނީ ޔުގާންޑާއަށް 5 މިލިޔަން ޑޮލަރު ދީފައެވެ.

އިބޯލާގެ ޢަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ހޮޑުލެވުމާއި، ބޭރަށް ހިންގުމުގެ އިތުރުން ހަށިގަނޑުން ލޭއައުން ހިމެނެއެވެ. ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތޮއްޖެހިފައިވާ ރަށެއްގައި މި ބަލި ހަލުވިކަމާ އެކު ފެތުރެން ފަށައިފި ނަމަ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމުގައި މާހިރުން ބުނެއެވެ.

ޔުގާންޑާގައި އެންމެ ފަހުން މި ބަލީގައި މީހަކު މަރުވެފައި ވަނީ 2019ވަނަ އަހަރުއެވެ. މިހާރު ފެތުރެމުން ދަނީ މި ބަލީގެ "ސޫދާން އިބޯލާ ވައިރަސް" ވޭރިއެންޓެވެ. މި ވޭރިއެންޓަށް ޚާއްޞަ ކޮށްފައިވާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ޑަބްލިޔު.އެޗް.އޯ.އިން ދަނީ ކުރަމުންނެވެ. އަދި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޓެސްޓުތައް ފަށާނެ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ.