އަތޮޅުތައް

ގައްދޫގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކުރައްވައިފި


ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ އަވަސްކަމާއެކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ތަރައްޤީ ގެނެސްދެއްވުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ގދ. ގައްދޫގައި ރައްކާތެރި ފެނުގެ ނިޒާމް އިފްތިތާޙްކުރެއްވުމަށް އެރަށުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ގައްދޫ ރައްޔިތުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން، ގައްދޫގައި މިއަދު މި އިފްތިތާޙުކުރެވުނު ފެނުގެ ނިޒާމަކީ ރާއްޖޭގެ ރަށްތަކަށް ހޫނު މޫސުމުގައި ދިމާވާ ފެން ލިބުމުގެ ދަތިކަމުން ގައްދޫ ރައްޔިތުންނަށް ޙައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ނިޒާމުތައް ކުރިޔަށް އޮތްތާނގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމް ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ނިޒާމުގެ ސަބަބުން ރައްޔިތުންނަށް އެތައް ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އެއްވެސް ރަށެއްގެ ރައްޔިތުން އެކަހެރި ނުކުރައްވާނެ ކަމަށާއި، ހުރިހާ ރަށެއްގައިވެސް ދިރިއުޅެނީ ދިވެހި ލޮބުވެތި ރައްޔިތުން ކަމަށެވެ. ގދ. ގައްދޫގައި ރައްކާތެރި ފެނުގެ ނިޒާމް އިފްތިތާޙް ކުރެއްވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މި މަޝްރޫޢަކީ މީގެ ދެ އަހަރު ކުރިން 15 ފެބްރުއަރީ 2014 ގައި ފެށުނު މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ފުއްދަވައިދެއްވާފައިވާ ވަޢުދެއް ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ގައްދޫގައި ހިންގަވާފައިވާ ފެނުގެ ނިޒާމުގެ މަޝްރޫޢުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދައްކާލާފައިވެއެވެ.