ޚަބަރު

ބަނދަރާއެކު ހަންޏާމީދޫގެ ލޯކަލް ޓޫރިޒަމް އެހެން ޙަރުފަތަކަށް


700 އެއްހާ މީހުން ދިރިއުޅޭ ހަންޏާމީދޫ މީހުންގެ ޢާމްދަނީ ގުޅިފައި އޮތީ ފަތުރުވެރިކަމާއެވެ. ކައިރި ރިސޯޓުތަކުގައާއި ރަށުގައި ހިންގާ ގެސްޓްހައުސްތަކުގައި ރަށުގެ ގިނަ ޒުވާނުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. މިގޮތުން މިހާރުވެސް 12 ގެސްޓްހައުސް ހިންގަމުން އަންނައިރު ފަތުރުވެރިކަމަށް އެރަށުން އެކަނިވެސް 100އަށްވުރެ ގިނަ އެނދު ވަނީ އޮޕަރޭޝަނަށް ނެރެފައެވެ.

އދ.ހަންޏާމީދޫގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ލަފާފުރުމުގެ ދަތިކަމެވެ. މިކަމަށް ޙައްލެއް ގެނައުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަންޏާމީދޫގެ ބަނދަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ޢަމަލީ މަސައްކަތް އެއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާފައިވާއިރު މިމަސައްކަތް އެމްޓީސީސީން މިހާރުވަނީ ނިންމާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހަންޏާމީދޫގެ ކައުންސިލްގެ ރައީސް މޫސާ ނާޒިމް ވިދާޅުވީ އެރަށުގެ ތަރައްޤީކުރެވުނު ބަނދަރާއެކު ރަށަށް އިޤްތިޞާދީ ކުރިއެރުން އަންނާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން ރަށުގެ ދޯނި އެހެލާ ސަރަޙައްދުގައި މަޝްރޫޢުގެ ބޭރުން އެމްޓީސީސީން ރިވެޓްމަންޓު ޖަހައިދީފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ.

ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަންވެސް ކުރަމުން އަންނަ ހަންޏާމީދޫގައި ފަތުރުވެރިކަމަށް އިތުރުވަމުން އަންނަ ގެސްޓްހައުސްތަކާއެކު ފަތުރުވެރިންނަށް އަމާޒުކޮށް ހިނގާ އެކި މޫދު ކުޅިވަރުތަކުގައި ބޭނުންކުރާ ދޯންޏާއި ޑިންގީތަކާއި ލޯންޗްތަކުގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ނިމިގެންދިޔަ ބަނދަރާއެކު އިތުރުވި ޖާގައާއި ޒަމާނީ ބަނދަރުގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ހަންޏާމީދޫ ރައްޔިތުން އުއްމީދުކުރެއެވެ.

އެމްޓީސީސީން ވަނީ ހަންޏާމީދޫގައި އޮތް ޒަމާންވީ މުސްކުޅި ބަނދަރު ނެގުމަށްފަހު ޒަމާނީ ބަނދަރެއް އިތުރު ޖާގައާއެކު އެރަށުގައި ތަރައްޤީކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން އެރަށުގައިވަނީ 6300 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބަނދަރު ފުންކޮށްފައެވެ. އަދި 200 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ބޭރު ތޮއްޓަކާއި 700 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ އެއްގަމު ތޮށިވަނީ ލާފައެވެ. މިމަޝްރޫޢުގެ ދަށުން 160 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމެންޓެއް ޖަހާފައިވާއިރު 1300 އަކަ މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައިވަނީ ހާބަރ ޕޭވްމަންޓް ހަދާފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 32.50 މިލިއަން ރުފިޔާއަށް ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ.

ހަންޏާމީދޫގައި ދެބަނދަރު އޮވެއެވެ. އެގޮތުން 2004 ވަނަ އަހަރު އެރަށުގެ އުތުރުގައި އަދި ދެކުނުގައި ވަނީ ބަނދަރު ތަރައްޤީކޮށްފައެވެ. މީގެތެރެއިން އެމްޓީސީސީއިން މިފަހަރު އަޕްގްރޭޑްކޮށްފައިވަނީ ދެކުނުގެ ބަނދަރެވެ. އެރަށުގެ އުތުރުގައި އޮތް 18 އަހަރުވެފައިވާ، އަނެއް ބަނދަރުވެސް މިހާރު އަލުން މަރާމާތުކުރަންޖެހިފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ.