ވިޔަފާރި

އޮކްޓޯބަރު މަހުގެ ފަތުރުވެރިކަމުގެ ރެކޯޑް މިއަހަރު މުގުރާލައިފި


ރާއްޖެއަށް އޮކްޓޯބަރު މަހެއްގައި އެންމެ ގިނަ ފަތުރުވެރިންއައި މަހަކަށް މިއަހަރުގެ އޮކްޓޯބަރ މަސް ވެއްޖެއެވެ. މިއީ ކޯވިޑް-19ގެ ކުރިން 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ރާއްޖެއައި ފަތުރުވެރިންނާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގެ ފަތުރުވެރިކަމުން އައު ރެކޯޑެއް ހެދުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ މިކާމިޔާބަކީ ސިނާއަތުގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު ހޯދިފައިވާ ކާމިޔާބީއެއްކަން ފާހަގަކޮށްފައެވެ.

އެމިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 137،488 ފަތުރުވެރިންނެވެ. އަދި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 20،492 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު ޒިޔާރަތްކުރީ 136،298 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ވަނީ 153،600 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ފާއިތުވި 3 އަހަރާއި އަޅާބަލާއިރު %8 ކުރިއެރުމެކެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ 10 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންނާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،007،160 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،340،031 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 3 ޤައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.