ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުން އިޝްތިހާރުކުރާތީ އިންޒާރެއް


މީސްމީޑިއާ އާއި، މެއިންސްޓްރީމް މީޑިއާތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން އިޝްތިހާރުކުރުން އާންމުވެފައިވާތީ، އެއީ ޤާނޫނީ ކުށެއްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށްދީފިއެވެ.

އެޗް.ޕީ.އޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުންފަތުގެ ބާވަތްތައް ތަފާތު ގޮތްގޮތަށް، ވަކިން ޚާއްސަކޮށް މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ވިޔަފާރިތަކުން ވިއްކާ ދުންފަތުގެ ބާވަތްތަކުގައި، ދުންފަތް ނުހިމެނޭކަމަށާއި، އަދި ދުންފަތުގެ އެއްބާވަތް އަނެއްބާވަތަށް ވުރެއް ރައްކާތެރިކަމާއި އޭގެއިން ލިބޭ ޞިއްޙީ ގެއްލުން ކުޑަކަން ނުވަތަ ގެއްލުމެއްނުވާކަން ބުނެ ހަޤީގަތާ ޚިލާފު މައުލޫމާތު ހިމެނިފައިވާކަން ފާހަގަވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ވިޔަފާރި އާއި ދުންފަތުގެ އިސްތިއުމާލުކުރުން އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން މަނާކޮށްފައިވާ ކަންކަން ކަމަށެވެ. އެޗް.ޕީ.އޭއިން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކާއި ޤާނޫނު ތަންފީޒު ކުރުމަށް ހަވާލުވެފައިވާ ފަރާތްތަކަށް ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށް ބާރު އެޅުމުގެ ގޮތުން ދުންފަތް ކޮށްޓްރޯލް ކުރުމާ ބެހޭ ޤާނޫނުގައި ހިމެނޭ ކަންތައްތައް ހަނދާންކޮށްދީފައެވެ.

ދުންފަތް ކޮށްޓްރޯލް ކުރުމާބެހޭ ޤާނޫނުގައި ހިމެނޭ މުހިއްމުކަންކަން:

- ދުންފަތާ ދުންފަތް އުފައްދާ އެއްވެސް މާއްދާއެއްގެ އެއްވެސް މިންވަރެއް ހިމެނޭ އެއްޗަކީ ދުންފަތުގެ ބާވަތެއްކަން
- ވޭޕް، ޝީޝާ، ހީޓެޑް ޓޮބޭކޯ އަދި އީ-ސިނގިރޭޓުގެ ހުރިހާ ބާވަތައްވެސް ހިމެނެނީ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި

ދުންފަތުގެ ބާވަތްތައް ރަމްޒުކޮށްދޭ ނަންބޯޑުތަކާ، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ އާއި އެހެނިހެން އޮންލައިން ޕްލެޓްފޯރމް ތަކުގައި ކުރަމުންދާ ދުންފަތުގެ އިޝްތިހާރުތަކާ އޮންލައިން ވަސީލަތްތަށް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތަށް ވިއްކުމަށް އެފަދަ ބާވަތްތަކުގެ ނަންތައް ލިސްޓްކޮށް ފޮޓޯ އާއި މަންޒަރުތަށް ޕޯސްޓުކުރުމުމަކީ މި ޤާނޫނުގައި މަނާކުރާކަމެކެވެ. އަދި ދުންފަތުގެ ބާވަތްތައް އެހެނިހެން ޚިދުމަތްތަކާ ނުވަތަ ބާވަތްތަކާ އެއްކޮށް އަގުކޮށް (ޕެކް ކޮށްގެން) ވިއްކުމާ، ހިލޭ ބެހުމާއި، ދުންފަތުގެ އެއް ބާވަތެއް އަނެއް ބާވަތްތަކަށްވުރެއް ޞީއްޙީ ގޮތުން ރައްކާތެރިކަމަށް ނުވަތަ ގެއްލުމެއް ނުވާކަމަށް ނުވަތަ ގެއްލުން ކުޑަކަމަށް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތަކުން ޞިއްޙީ ފައިދާއެއް ލިބޭކަމަށް ބުނެ އެފަދަ އުފެއްދުންތައް ޕްރޮމޯޓް ކުރުމާއި، ޕްރޮމޯޓް ވާނޭފަދަ ގޮތަކަށް އަމަލު ކުރުން ވެސް ހިމެނެނީ ޤާނޫނު މަނާ ކުރާ ކަންކަމުގެ ތެރޭގައެވެ.

މި ޤަވާއިދުގެ ދަށުން ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ދުންފަތުގެ ބާވަތްތައް އިޝްތިހާރު ނުވާނޭހެން ދޭދޭ ވިޔަފާރިތަކުގެ މެދުގައި ކުރާ މުއާސަލާތަކާ ފިހާރަތަކުގައި އިޝްތިހާރުވާނޭހެން އަދި ދުންފަތުގެ ބާވަތްތަކުގެ ޕެކެޓް ބޭރުގައި ޖެހުމަށް ޤާނޫނޫ ލާޒިމު ކުރާ ޞިއްޙަތުގެ އިންޒާރު ނުފޮރުވޭގޮތަށް އަދި މަގު ހިނގާ މީހުންނަށް ނުފެންނަގޮތަށް ޑިސްޕެންސަރގައި ނުވަތަ ރެކް ތަކުގައި ދުންފަތުގެ ބާވަތްތަށް ބެހެއްޓުމަކީ މަނާކަމެކެވެ.

ވަކި ބްރޭންޑެއް ތަފާތު ނުވާނޭހެން އަދި ބްރޭންޑްގެ އެއްވެސް ސިފައެއް ނުހިމެނޭގޮތަށް ސާދާ އަކުރުން ކަޅާ ހުދުން އަގު ލިސްޓެއް ބެހެއްޓުމަށް ޤާނޫނު ހުރަހެއް ނާޅައެވެ. އެހެންނަމަވެސް ވެންޑިން މެޝިނާއި އޮންލައިންކޮށް އަދި ޑެލިވަރީ ޚިދުމަތް ފަދަ ގަންނަ މީހާގެ އުމުރު ކަށަވަރު ނުކުރެވޭ ވަސީލަތްތައް މެދުވެރިކޮށް ދުންފަތުގެ ވިޔަފާރި ކުރުމަކީ މަނާކަމެކެވެ.