ޚަބަރު

ބަޖެޓް 2023: ޢުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމަށް 10.4 ބިލިއަން


އަންނަ އަހަރަށް ދަޢުލަތުން ލަފާކުރާ ބަޖެޓުގައި އިޤްތިސާދީ އަދި ސިނާޢީ ކުރިއެރުމާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 10.4 ބިލިއަނަށްވުރެ ރުފިޔާ ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ މި ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި މުހިއްމު ކަންތައްތަކެއް ހިމަނާފައިވާ ބަޖެޓެއްކަމަށެވެ.

2023 ވަނަ އަހަރަށް ދަޢުލަތުން ލަފާ ކުރާ ބެޖެޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާއި ޙަވާލުވެވަޑައިގަތީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ހައްލުނުވެ ހުރި އެތައް ގިނަ ކަންތައްތަކެއް ހައްލުކުރުމަށްކަމަށެވެ. އަދި އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށާއި، އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ވިސްނުންތަކާއެކުކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"2023 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން. ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުން. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން. އިޖުތިމާޢީ އަދި އިޤްތިސާދީ އިންގިލާބީ ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނާ ގާތްކޮށްދިނުން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ތަފާތުކުރުމެއްނެތި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ 158 ރަށެއްގައި ފެނާ ނަރުދަމާގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި 644 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށެވެ. އަދި އަންނަ އަހަރު ފެނާ ނަރުދަމާގެ ޢަމަލީ މަސައްކަތްތައް ހިނގަމުންނުދާ އެއްވެސް ރަށެއް ނޯންނާނެކަމަށެވެ.

އަންނަ އަހަރު ސަރުކާރުން ހިންގުމަށް ނިންމާފައިވާ ބައެއް ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރު، ގުޅީފަޅު ހިއްކުމަށާ، ރާއްޖޭގެ މައި ސީޕޯޓް ތަރައްޤީކުރުމަށް ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި މުޅި ރާއްޖޭގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރިއަށްއޮތް 3 އަހަރަށް 2.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫޢުތަކަށް 1.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވާއިރު، ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން މާލެ-ވިލިމާލެ-ތިލަފުށި-ގުޅީފަޅު ބްރިޖް މަޝްރޫޢަށް 792 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. ހަމައެހެންމެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އައު ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތަށް 686 މިލިއަން ރުފިޔާ އަދި އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 422 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

"ޒަމާނުއްސުރެ، މާލޭގެ ރައްވެހިންނަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް ވަނީ ހުޅުވާލާފައި. މިކަމަށްޓަކައި ގްރޭޓަރ މާލޭ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް ގާއިމުކުރާ 6,000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރުވަނީ ފަށާފައި. އަދި އަތޮޅު ތެރޭގައި 2,500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ކުރިއަށްދާނެ. މީގެ އިތުރުން، މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ގުޅީފަޅުހިއްކުމުގެ މަޝްރޫޢު ބަޖެޓުގައި ހިމަނާފައިވާނެ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި ނައްތާލުމުގެ ނިޒާމުތައް ޤާއިމްކުރުމަށް 630.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް 1.3 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމާނާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 38 މިސްކިތެއް އިމާރާތްކުރުމަށާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

އެކި ރަށްރަށުގައި ހައުސިންގ ޔުނިޓްތައް އެޅުމަށް 395 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، ނޭޝަނަލް ސޯޝަލް ހައުސިންގ ޕްރޮޖެކްޓް ހިންގުމަށް 286 މިލިއަން ރުފިޔާ އަދި އެފޯޑަބަލް ހައުސިންގ ޕްރޮޖެކްޓަށް 32 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. ރާއްޖޭގައި ހަރުދަނާ އާއްމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަކީ މި ސަރުކާރުން މުހިއްމު އިސްކަމެއްދެއްވާ ދާއިރާއެއްކަމަށްވާއިރު، ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ހިންގާ މަޝްރޫޢުތަކަށް 2.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވެއެވެ. އަދި އެކި ރަށްތަކުގައި ވައިގެ ބަނދަރުތައް ތަރައްޤީކުރުމަށް 235.6 މިލިއަން ރުފިޔާ 2023 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.