ޚަބަރު

އަރުޝަދު ހައްޔަރުކުރުމަށް ނެރުނު އަމުރު ގޯސް: ސްޕްރީމް ކޯޓު


ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ބަންދުގައި ބެއްޓުމަށް ހައިކޯޓުން ނެރުނު އަމުރަކީ ޤާނޫނާއި އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

އަރުޝަދު ހައްޔަރުކޮށްގެން ހައިކޯޓަށް ނެރުނު އަމުރާއި ގުޅިގެން އޭނާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މިމައްސަލާގައި އިސް ފަނޑިޔާރަކީ ފަނޑިޔާރު މަހާޒު ޒާހިރެވެ. މައްސަލައިގައި މަހާޒުގެ ރައުޔަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަޑާލް ވަނީ ތާއީދު ކުރައްވާފައެވެ.

މިމައްސަލައިގައި ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާތު ޤާނޫނާއި، ޝަރީއަތް ކުރުމުގެ ގަވާއިދުގެ ދަށުން ކަންކަން ހަމަޖެހިފައިވާ އިޖުރާއަތުގެ ބޭރުން މިމައްސަލާގައި އަމަލުކޮށްފައިވާކަން އެގެން ހުރިކަމަށެވެ. އަރުޝަރު ބަންދު ކުރުމަށް ހައިކޯޓުން ނެރުނު އަމުރުގައި ހާޒިރުވާންޖެހޭ ގަޑިއެއްވެސް ބަޔާންކޮށްފައެއް ނެތެވެ. ޝަރީއަތް ކުރުމުގެ ގަވާއިދުގައި ކޯޓަށް މީހަކު ހާޒިރުކުރާނަމަ އަންގާ ލިޔުމުގައި ހާޒިރުވާންޖެހޭ ގަޑިއާއި ހާޒިރުވާންޖެހޭ ސަބަބު ބަޔާން ކުރަން ޖެހެއެވެ.

ކޯޓުން ނިންމާ ނިންމުންތަކަކީ މައްސަލަ ބަލާ ފަނޑީޔާރުންގެ އޮނަހިރި އަދަދަކުން ނިންމާ ނިންމުމަކަށްވާންޖެހޭ އިރު މިމައްސަލާގައި ނެރެފައިވާ އަމުރުގައި ސޮއިކުރައްވާފައިވަނީ އެންމެ ފަނޑިޔާރެއްކަންވެސް ސްޕްރީމް ކޯޓުން ފާހަގަ ކުރައްވާފައިވެއެވެ.

ސްޕްރީމް ކޯޓުން ވަނީ މިމައްސަލާގައި އަރުޝަދު ބަންދު ކުރުމަށް ނެރެފައިވަނީ އަމުރަކީ ޖިނާއީ އިޖުރާތު ޤާނޫނާއި ޚިލާފަށް ނެރުނު އަމުރެއްކަމަށް ނިންމާފައެވެ.

އަރުޝަދު އެން،މެ ފުތަމަ ހައްޔަރުކޮށްފައިވަނީ، ސްރީ ލަންކާއިން ދުބާއީއަށް ދިއުމުން، ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުންނެވެ. އޭނާ ހައްޔަރުކުރީ ރާއްޖެ އައުމުންކަމަށް އޭރު މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ފުލުން އެއަށްފަހު އޭނާ ބަންދުން ދޫ ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މާލެއާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސް މީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެވެއެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލައިގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައެވެ.