ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުން މާދަމާ


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހަޅަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ބަޖެޓު ހުށައަޅުއްވާނެކަމަށެވެ. މި ޖަލްސާގައި ދައުލަތަށް ލިބޭ އާމްދަނީއާއި، ޚަރަދުތަކާއި، ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓަރ ހިއްސާކުރައްވާނެއެވެ.

އަންނަ އަހަރަށް ލަފާކޮށް، ހުށަހަޅަން މަސައްކަތްކުރަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 2023 އިން 2025އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ސަރުކާރުގެ މާލީ ޙާލަތު ރަނގަޅުކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަޤީންކުރުމަށް ކަމަށެވެ. އާމްދަނީ އިތުރުކުރުމަށް ކަންތައްތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޢާމްދަނީ އިތުރުކުރުމަށް ކުރާ އެންމެ މުހިންމު އެއް ކަމަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ މަތިކޮށްގެން ޢާމްދަނީ އިތުރުކުރުންކަމަށެވެ. އަންނަ އަހަރުގެ އާމްދަނީ 30 ބިލިއަންގައި ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުން، ދައުލަތުން ހުށައަޅަ ބަޖެޓަށް މަޖިލީހުން އުނި އިތުރު ގެނެވޭނެއެވެ. މަޖިލީހަށް ބަޖެޓު ހުށައެޅުމުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށްދާނީ ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތެވެ.

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކުރާ 41.5 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހާތަަނަށް ހުށައަޅާނެ އެންމެ ބޮޑު ދައުލަތުގެ ބަޖެޓެވެ.