ޚަބަރު

އަމީނީމަގު ދެވަނަ ސެގްމަންޓުގެ މަސައްކަތް މިހަފްތާގައި ފަށަނީ


އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ދެވަނަ ސެގްމަންޓުގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކާ ހޭންވާރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ. އެއީ ގާތްގަނޑަކަށް 105 މީޓަރުގެ ސަރަޙައްދެކެވެ.

މި މަޝްރޫޢުގެ ދަށުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި މަގުގެ ދެފަރާތުގައި ޖެހުމަށް ބޭނުންވާ ކާބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސްޓޯމް ވޯޓަރ ސިސްޓަމް ޤާއިމުކޮށް، ތާރުއެޅުމުގެ ކުރިން ވާންޖެހޭ ހުރިހާ ތާއްޔާރީތަކެއް ނިމުމަކާ ހިސާބަށް ގޮސްފައިވާކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާރް.ޑީ.ސީގެ ރޯޑް އިމްޕްލިމެންޓޭޝަން މެނޭޖަރ އިބްރާހީމް ޤާސިމް ވިދާޅުވީ، އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާ އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާ އަމީނީމަގު ގުޅޭ ކަންމައްޗާއި ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަޙައްދެކެވެ.

ޤާސިމް ވިދާޅުވީ، ދެވަނަ ސެގްމަންޓުގެ މަސައްކަތް ފެށުމަށްޓަކާ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށެވެ. އަދި މި ހަފްތާގައި އެ ސަރަޙައްދުގެ މަގު ހުސްކޮށް، ގާތައް ނަގާ، މަގު ކޮނުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ގޮންޖެހުމެއްގެގޮތުގައި އާރް.ޑީ.ސީން ފާހަގަކުރަނީ އަމީނީމަގަކީ، މަގުގެ އަޑި އޮތްގޮތުގެ ޙާލަތު އެނގޭނެ އެކަށީގެންވާ ކުރެހުންތަކެއް ހުރި މަގަކަށް ނުވުމެވެ. އެކަމުގެ ސަބަބުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.

އެގޮތުން އެމަގުގެ ފެން ފަށަލަ ތިލަވެފައި މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯކްތަކާއި ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާ މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް ކުރިމަތިވާކަން ޤާސިމް ފާހަގަކުރެއްވިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މިމަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރް.ޑީ.ސީން ކުރާނީ މަގުތަކުގެ އަޑީގައި ކުރަންޖެހޭ މަސައްކަތްތައް އެއްކޮށް ނިންމާ، މުޅި އަމީނީމަގު 3 ނުވަތަ 4 ސެގްމަންޓަކަށް ބަހާލައިގެންކަމަށް އާރް.ޑީ.ސީން ވިދާޅުވިއެވެ.