ޚަބަރު

އައިއެފްސީއާއި އޭޑީބީން ދިރާގުގެ ޑިޖިޓަލް ނެޓްވޯކް ފުޅާކުރުމަށް 55 މިލިއަން ޑޮލަރުގެ ލޯނެއް


ދިރާގުގެ ޑިޖިޓަލް ނެޓްވޯކް ފުޅާކުރުމަށް 55 މިލިއަން ޑޮލަރުގެ ލޯނެއް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ދޭން ނިންމައިފިއެވެ.

އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައި.އެފް.ސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ 25 މިލިއަން ޑޮލަރުގެ ފެސިލިޓީއަކާއި 30 މިލިއަން ޑޮލަރުގެ ފެސިލިޓީއެއްކަމަށެވެ. އެގޮތުން ފުރަތަމަ ދޭ 25 މިލިއަން ޑޮލަރުގެ ފެސިލިޓީ ބޭނުންކުރާނީ ދިރާގުގެ ހިންގުމުގެ ޚަރަދުތަކަށް ނުވަތަ ވޯކިން ކެޕިޓަލަށާއި، އިންޓަނެޓްގެ ޙިދުމަތް ފުޅާކޮށް، ރަށްރަށަށް 5ޖީ އަދި ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް ފުޅާކުރުމަށްކަމަށެވެ.

މީގެއިތުރުން ދިރާގުން ރާއްޖޭގައި އަޅަމުން އަންނަ ޑޮމެސްޓިކް ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް ވިއުގަ އިތުރަށް ތަރައްޤީކުރުމަށްވެސް މި ފެސިލިޓީ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައި.އެފް.ސީން ދިރާގަށް ދޭ 30 މިލިއަން ޑޮލަރުގެ ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދުނިޔެއާއި ރާއްޖެ ގުޅާލުމަށް ދިރާގުން ރާއްޖޭގައި އަޅާ "ސީމީވީ 6" ސަބްމެރިން ކޭބަލްގެ މަސައްކަތަށްކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިއީ ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާ ގުޅާލުމަށް އަޅާ ސަބްމެރިން ކޭބަލެކެވެ. މި ކޭބަލް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

މި ލޯނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުގެ ޑިޖިޓަލް ނެޓްވޯކް ފުޅާކުރުމަށް އޭޑީބީ އަދި އައި.އެފް.ސީއާއެކު މަސައްކަތްކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މި ލޯނު ބޭނުންކުރެވިގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާގުގެ ޙިދުމަތް ފުޅާކުރުމަށްކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

"މި އެހީގެ ސަބަބުން ތިމާވެއްޓާއި، އެންވަޔަރަމަންޓް، ސޯސަލް އަދި ގަވަނަންސްގެ ދާއިރާއިން ޔޫއެންޑީޕީގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް ހާސިލްކުރުމަށް ދިރާގަށް އެހީއަކަށް ވެގެންދާނެ." އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އައި.އެފް.ސީން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ހެކްޓާ ގޯމޭޒް އަންގް ވިދާޅުވީ، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކުރިއެރުވުމަށް އެ ކޯޕަރޭޝަނުން ދިރާގަށް ކުރާ އިންވެސްޓްމަންޓަކީ ރާއްޖޭގެ އާބާދީ ގުޅާލުމުގެ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ، އިންވެސްޓްމަންޓަކަށް ވާނެކަމަށެވެ. އަދި މި އިންވެސްޓްމަންޓްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އޭގެ ހެޔޮ އަސަރުތައް ކުރާނެކަމަށެވެ.

"މި އިންވެސްޓްމަންޓްގެ ސަބަބުން ޖަޒީރާ ރާއްޖޭގެ ރަށްތަކަށް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެ. އަދި މީގެ ސަބަބުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގައި އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެ މި ސިނާއަތް ކުރިއަރައިގެންދާނެ." ހެކްޓާ ގޯމޭޒް އަންގް ވިދާޅުވިއެވެ.

އައި.އެފް.ސީއަކީ ވޯލްޑް ބޭންކް ގްރޫޕްގެ މެންބަރެކެވެ. އައި.އެފް.ސީން އަންނަނީ ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގެ ތަރައްޤީގެ އެކިއެކި ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.