ޚަބަރު

ފުވައްމުލަކާއި އައްޑޫގައި މުފްތީގެ ދަރުސް ބާއްވާ ތަން ބަދަލުވެއްޖެ


މަޝްޙޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ދެއްވާ ދަރުސް ބާއްވާ ތަން ބަދަލުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކުރިން އެ ދެ ސިޓީގައިވެސް ދަރުސް ބާއްވަން ނިންމާފައިއޮތީ މާލޭ ސިޓީއެކޭ އެއްގޮތަށް ހާމަތަނެއްގައިކަމަށެވެ. އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކަށް މިދުވަސްކޮޅު މޫސުން ގޯސްވުމުގެ ސަބަބުން ދަރުސް ބާއްވާ ތަން ބަދަލުކޮށްފައިވާކަމަށެވެ.

އެގޮތުން ފުވައްމުލައް ސިޓީގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ކުރިން ބާއްވަން ނިންމާފައި އޮތީ ފުވައްމުލައް ސްޓޭޑިއަމްގައެވެ. ނަމަވެސް މިހާރު މި ދަރުސް އޮންނާނީ ފުވައްމުލައް ޙާފިޒް އަޙްމަދު ސްކޫލުގެ ހޯލުގައެވެ. އަދި އައްޑޫ ސިޓީގ ސްކޮޔަރގައި ބާއްވަން ނިންމާފައި އޮތް ދަރުސް އައްޑޫ ހައި ސްކޫލްގެ ހޯލަށް ވަނީ ބަދަލުކޮށްފައެވެ.


މި ދެ ސިޓީގައި ދަރުސް ބާއްވާ ތަން ބަދަލުވިނަމަވެސް، ދަރުސް ފަށާނީ ކުރިންވެސް ކަނޑައަޅާފައިވާގޮތަށް ރޭގަނޑު 20:45 ގައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފުވައްމުލައް ސިޓީގައި މިރޭ މުފްތީ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އިސްލާމް، ކައިންޑްނެސް އެންޑް ބިނެވޮލެންސް" ނުވަތަ އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން މި މައުޞޫޢުގެ މައްޗަށެވެ. މި ދަރުސް ޕީ.އެސް.އެމްގެ ޓީވީއެމް، މުންނާރު ޓީވީ، ދިވެހިރާއްޖެ އަޑު އަދި ދީނުގެ އަޑުން ވަގުތުން ގެނެސްދޭނެއެވެ.

މާލޭ ކާނިވާ ސަރަޙައްދުގައި ރޭ ބޭއްވި މުފްތީގެ ދަރުސް އަޑުއެހުމަށް ގިނަ ބަޔަކު ވަނީ ކާނިވާ ސަރަޙައްދަށް ޖަމާވެފައެވެ.

އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އިސްލާމިކް މިނިސްޓްރީގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.