އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީގެ ގެކޮޅަށް މީހަކު ވަދެ، އޭނާގެ ފިރިކަލުންނަށް ހަމަލާދީފިއެވެ. ހަމަލާ ދިން މީހާ ކެލިފޯނިޔާގައި ހުންނަ ޕެލޯސީގެ ގެކޮޅަށް ވަދެފައި ވަނީ ދަންވަރުގެ ވަގުތުގައި ބިއްލޫރި ދޮރެއް ތަޅައިލުމަށް ފަހުއެވެ. ނަމަވެސް، އެ ވަގުތު ޕެލޯސީ ހުންނެވީ ވޮޝިންގްޓަންގައެވެ.
މި ހާދިސާގައި ޕެލޯސީގެ ފިރިކަލުން ޕޯލް ޕެލޯސީއަށް ލިބުނު ޒަޚަމުތަކަށް މިހާރު ގެންދަވަނީ ފަރުވާ ދެމުންނެވެ. މަރުތެޔޮއެއް ބޭނުންކޮށްގެން ދިން މި ހަމަލާތަކުގައި އޭނާ ބޮލަށް ވެސް އެކިވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމުގައި އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ. މި ހަމަލާގެ ފަހަތުގައި ވަނީ 42 އަހަރުގެ ޑޭވިޑް ޑެޕާޕޭ ކިޔާ މީހެއް ކަމަށާއި، އޭނާ އަތުލައިގަނެފައި ވަނީ ޕެލޯސީގެ ގެކޮޅުން ފަތިހު 2:30 ހާއިރު ކަމުގައި ކެލިފޯނިޔާގެ ފުލުހުން ބުނެއެވެ.
ޕެލޯސީގެ ގެކޮޅަށް ފުލުހުން ދިޔަ އިރު ވެސް ޑެޕާޕޭއާއި ޕޯލް ދިޔައީ ތަޅައިފޮޅަމުން ކަމަށާއި، އެ ވަގުތު ވެސް ނޭންސީ ކޮބައިތޯ ޑެޕާޕޭ ޕޯލްއާ ސުވާލު ކުރަމުން ދިޔަ ކަމުގައި ފުލުހުން ބުނެއެވެ. އަދި، މިއީ ސިޔާސީ މަޤުޞަދެއްގައި ދީފައިވާ ހަމަލާއެއް ކަމުގައި ބެލެވޭ ކަމުގައި ވެސް ފުލުހުން ބުނެއެވެ.
މި ހަމަލާއާ ގުޅިގެން ޑެޕާޕޭއާ ދެކޮޅަށް މީހަކު މެރުމުގެ ގަސްދުގައި ހަމަލާ ދިނުމުގެ ކުށުގެ ދަޢުވާ އުފުލާނެ ކަމުގައި ކެލިފޯނިޔާގެ ފުލުހުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޖޯ ބައިޑަން ވަނީ ޕެލޯސީއަށް ފޯނުން ގުޅުއްވައި، އޭނާގެ ފިރިކަލުންގެ ހާލު އައްސަވާފައެވެ.
އެމެރިކާގައި މިހާރު ދަނީ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންނެވެ. މި އިންތިޚާބާ ގުޅިގެން ހަމަނުޖެހުންތައް ހިނގާނެ ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ އަމަން ބަލަހައްޓާ އިދާރާތަކުން ވަނީ އިންޒާރު ކޮށްފައެވެ.
އެމެރިކާގެ ކެޕިޓަލް ޕޮލިސްއިން ބުނަނީ، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ދެކޮޅަށް ދޭ އިންޒާރުތަކުގެ އަދަދު 2017ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 9,000އިން އުފުލިފައިވާ ކަމުގައެވެ.
މި ފަދަ ކަންކަން އިތުރުވެފައި ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަމުންދާ ހަޤީޤަތާ ޚިލާފު ވާހަކަތަކާއި އުފައްދަވަމުން ގެންދަވާ ނަފުރަތުގެ ސަބަބުން ކަމުގައި އޭނާގެ ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމުގައިވާ އެޑަމް ކިންޒިންގަރ ވަނީ ތުހުމަތު ކުރައްވާފައެވެ.