ދުނިޔޭގެ ވިޔަފާރި

އިޓަލީވިލާތުގެ އިންފްލޭޝަން ރެކޯޑު އަދަދަކަށް މައްޗަށް


އޮކްޓޫބަރު މަހު އިޓަލީވިލާތުގެ އިންފްލޭޝަން، ރެކޯޑު އަދަދަކަށް މަތިވެއްޖެކަމަށް އެ ގައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

އިންފްލޭޝަން މަތިވެފައިވާއިރު، މިއީ އިޓަލީވިލާތުގެ އާ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީއަށް އިގްތިސާދީ ގޮތުން ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިޓަލީގެ އިންފްލޭޝަން މަތިވުމާއިއެކު މުޅި ޔޫރޯ ޒޯންގެ އިންފްލޭޝަންވެސް އިތުރަށް މަތިވެދާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިޓަލީގެ އީޔޫ ހާމަނައިޒްޑް ކޮންސިއުމަރ ޕްރައިސް އިންޑެކްސް، އެޗްއައިސީޕީ ވަނީ %12.8 އަށް މަތިވެފައެވެ. މިއީ 1996 ވަނަ އަހަރު މި މިންގަނޑަށް އަމަލުކުރަން ފެށިފަހުން މި އިންޑެކްސް މިހާ މަތިވި ފުރަތަމަ ފަހަރުކަމަށް އިޓަލީގެ ސްޓެޓިސްޓިކް ބިއުރޯ، އައިސްޓެޓް އިން ރިޕޯޓުކުރެއެވެ.

ހަކަތައިގެ އަގުގެ އިންފްލޭޝަން ވަނީ %73.2 އަށް އަރާފައެވެ. އޭގެކުރީ މަހު މި އަދަދު ހުރީ %44.5 ގައި ކަމަށް އައިސްޓެޓް އިން ބުނެއެވެ. މީގެއިތުރުން ކޯ އިންފްލޭޝަން ކަމަށްވާ، ކާބޯތާކެއްޗާއި ހަކަތައިގެ އިންފްލޭޝަން ވަނީ 5.3% އިން %5.7 އަށް މަތިވެފައެވެ.

މި މިންވަރަށް އިންފްލޭޝަން މަތިވުމަކީ އައު ސަރުކާރަށް ދިމާވެފައިވާ ބޮޑެތި އިގްތިސާދީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށާއި ސަރުކާރުގެ ދަރަނި ބޮޑުކަމުން އެކަން ހައްލު ކުރާނެ ވަސީލަތްތައް މަދުވެފައިވާ ކަމަށް އެލްސީ މެކްރޯ އެޑްވައިޒަރސްގެ ވެރިޔާ އަދި އިޓާލިއަން ޓްރެޒަރީގެ ކުރީގެ އިސް އިގްތިސާދީ މާހިރެއް ކަމަށްވާ ލޮރެންޒޯ ކޮޑޮގްނޯ ވިދާޅުވިއެވެ.

ލޮރެންޒޯ އިތުރަށް ވިދާޅުވިގޮތުގައި މެލޯނީ ޖެހޭނީ ސަރުކާރުންދޭ އެހީ އާންމުކޮށް އެންމެންނަށް ދިނުމުގެ ބަދަލުގައި ފަގީރު އާއިލާތަކަށް ދިނުމަށް ވިސްނަންކަމަށެވެ. އެގޮތުން އެމީހުންގެ ހަކަތައިގެ ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމާއި ތަކެތީގެ އަގު ކުޑަކުރުމަކީވެސް ކުރެވޭނެ ކަންކަން ކަމަށް ލޮރެންޒޯ ވިދާޅުވިއެވެ.