ވިޔަފާރި

ފަތުރުވެރިން ޒިޔާރަތްކުރި ޢަދަދު 1.6 މިލިއަނުގެ އަމާޒާ ގާތަށް


މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ފަހަނައަޅައިގޮސް މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުން ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފިއެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، 2021 ވަނަ އަހަރު ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ އަދަދަށް މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައިސްފައިވާކަމަށެވެ. މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

2021 ވަނަ އަހަރު ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 1،321،937 ފަތުރުވެރިންނެވެ. މިނިސްޓަރ މައުސޫމް ވިދާޅުވީ، މިމަހުގެ 27 ވަނަ ދުވަހު މި އަދަދު ފަހަނައަޅައިގޮސް މިދިޔަ އަހަރަށްވުރެ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވެފައިވާކަމަށެވެ.

މިނިސްޓަރ މައުސޫމް ވަނީ މި ކާމިޔާބީ ރާއްޖެއަށް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރާ ފަރާތްތަކާއި، މުވައްޒަފުންނާއި އަދި މި ދާއިރާގައި އެހެނިހެން ގޮތްގޮތުން މަސައްކަތް ކުރާ ފަރާތްތަކާއި، ދިވެހިންގެ ބުރަ މަސައްކަތުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެންމެހައި ފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 3 ޤައުމަކީ، އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.

ރާއްޖެއިން މިއަހަރު އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ރާއްޖެއަށް މިހާރު 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެ ޢަމާޒަށް ވާސިލުވުމަށް ބާކީ ބޭނުންވަނީ 3 ލައްކައެއްހައި ފަތުރުވެރިންނެވެ.

އަހަރުގެ ބާކީ 2 މަސް ކުރިއަށްއޮތްއިރު މިހާރު އެވްރެޖްކޮށް ކޮންމެ މަހަކުވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ދުވާލަކު 5000 އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން އާދެއެވެ. އެހެންކަމުން މިއަހަރު ސަރުކާރުން އަމާޒުހިފާފައިވާ އަދަދަށް ފަތުރުވެރިން އަންނާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ.