ޚަބަރު

ދެބަސްވުމުގައިވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން ދަންނަންޖެހޭ: މުފްތީ


އެއްބަޔަކު އަނެއްބަޔަކާ ޚިޔާލުތަފާތުވެ ދެބަސްވާ ޙާލާތްތަކުގައިވެސް އެކަކު އަނެއްކަކަށް އިޙްތިރާމާއި ގަދަރުކުރަން ދަންނަން ޖެހޭ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވެއްޖެއެވެ.

އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކޮށްދެއްވީ މުފްތީއެވެ.

މާތްﷲ އާއި އިންސާނުންނާއި ދެމެދު އޮންނަ ގުޅުމަށް އަލިއަޅުއްވާލައްވައި މުފްތީ ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، ދުނިޔެ މަތީގައި އިންސާނުން އެންމެ ގުޅުން ރަނގަޅުވާން ޖެހޭނީ މާތް ﷲ އާ ކަމަށެވެ. އެކަމަކު އެ ގުޅުމަކީ އިންސާނާގެ އުޅުމާއި އަޙްލާޤުގެ މައްޗަށް ބިނާވާ އެއްޗެއްކަން ފާހަގަކުރައްވާ، އެކަލާނގެއާ ގުޅުން ރަނގަޅުވާން އެދޭނަމަ، އެކަލާނގެ ހެއްދެއްވި އެހެން އިންސާނުންނާއި މަޙުލޫގުން އެބަތިބިކަން ދަންނަން ޖެހޭ ކަމަށް މުފްތީ ވިދާޅުވިއެވެ.

"އަހަރެމެން ގުޅުން ރަނގަޅުވާން އެދޭ މާތް ﷲ ހެއްދެވި ބައިވަރު އެހެން މަޙުލޫގުން އެބަތިބި. އެކަލާނގެއާ ގުޅުން ރަނގަޅުވާން އެދޭ ނަމަ އެކަލާނގެ ހެއްދެވި އެހެން ހުރިހާ މަޙުލޫގުންނަކީވެސް އަހަރެމެން ރަނގަޅު ގުޅުމެއް ބާއްވަން ޖެހޭ ބައެއްކަން ދަންނަން ޖެހޭ" މުފްތީ ވިދާޅުވިއެވެ.

މުފްތީ ވިދާޅުވީ، މިކަމުގައި އެންމެ މުހިންމު އެއް ކަމަކީ އެކަކު އަނެކަކަށް އިޙްތުރާމްކޮށް ގަދަރުކުރުން ކަމަށެވެ. މާތް ﷲ ހެއްދެވި އެހެން އިންސާނުންނާއި މަޙުލޫގުން ތިބިކަން ދަނެ، އިޙްތިރާމު ނުކުރެވޭ ނަމަ އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާނީ ކިހިނެތްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިންމު ކަމުގައި މުފްތީ ވިދާޅުވިއެވެ.

"ތަފާތުތައް ހުންނާނެ ކަން މާތް ﷲ ދެނެވޮޑިގެންވޭ. ޚިޔާލު ތަފާތުވާނެކަން ވެސް އެކަލާނގެ ދެނެވޮޑިގެންވޭ. އެކަމަކު އެކަލާނގެ އަމުރުކުރައްވާފައި ވަނީ ދެބަސްވާ ހިނދުވެސް އެކަކު އަނެކަކާ މެދު އިހްތިރާމުކުރުންމަތީ ދެމިތިބުމަށް" މުފްތީ ވިދާޅުވިއެވެ.

ޚުޠުބާގައި މުފްތީ ވިދާޅުވީ، މާތް ﷲ ގެ އަމުރުފުޅު މިގޮތަށް އޮތް ނަމަވެސް މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ނުފެންނަ ސިފައަކީ އިޙްތިރާމާއި ގަދަރުކުރުން ކަމަށެވެ. އުމްރާނީ ތަރައްޤީން ޤައުމުތައް ފުރިހަމަވެ، ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ގުޅިފައިވާއިރު، މި ހުރިހާ ކަމަކުން ކުރިއަށް މި ދެވެނީ އެކަކު އަނަކަކަށް އިޙްތިރާމެއް ނެތި ކަމަށްވާނަމަ އެއީ ކުރިއެރުމެއް ނޫން ކަމަށް ވެސް މުފްތީ ވިދާޅުވިއެވެ.

އެކަކު އަނެކަކަށް އިޙްތިރާމްކުރުމަށް ދީނުގައި ދީފައިވާ އަހަންމިއްޔަތުކަމަށް އަލިއަޅުއްވާލައްވާ މުފްތީ ވިދާޅުވީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުންވެސް އިންސާނުންގެ އިތުރަށް ޖަނަވާރުންނަށްވެސް ލޯތްބާއި އިޙްތިރާމް ދިނުމުގެ މުހިންމުކަން ހާމަވާ ކަމަށެވެ.

މުފްތީ ވިދާޅުވީ، މާތް ﷲ އާ އޮންނަ ގުޅުން ބަދަހި ވަނީ ހަމައެކަނި ކޮންމެ ދުވަހަކު ކުރުން ފަރުޟު 5 ނަމާދުން އެކަނި ނޫން ކަމަށެވެ. އޭގެ އިތުރަށް ވެސް الله ތަޢާލާއާއި ގުޅިފައިވޭތޯ ނަފްސާއި ސުވާލުކޮށް އެމަގުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މުފްތީ ވިދާޅުވީ، ދުނިޔެ ހިނގާގޮތަށް ބަލާއިރު އެކަލާނގެ އާ އޮންނަ ގުޅުން ހީނަރުވާ ކޮންމެ ފަހަރަކީ ވެސް އެކަމުގެ މަތިން ހަނދާންވާނެ ކޮންމެވެސް އެއް ނިޝާނެއް ދުނިޔެމަތިން ދައްކަވާ ފަހަރެއް ކަމަށެވެ. އެގޮތުން ވާރޭ ވެހުމާއި، މިފަދަ ގުދުރަތީ ހުރިހާ ކަމަކީ ވެސް އެފަދަ ނިޝާންތައް ކަމަށް މުފްތީ ވިދާޅުވިއެވެ.

ދުނިޔެމަތީގައި އުޅޭ އިރު، އުފަލާއި ހިންހަމަޖެހުމަކީ ވެސް އޮންނަ ކަމެއް ކަމަށާއި، ތިމާގެ ބައިވެރިޔާއާއި، ރައްޓެހިންނާއި އާއިލާ ދެކެ ލޯބިވުމަކީ ވެސް އޮންނަ ކަމެއްކަން ފާހަގަކުރައްވާ މުފްތީ ވިދާޅުވީ، މި ހުރިހާ ކަމެއްގައި ވެސް ހައްދެއް އޮންނާނެ ކަމަށެވެ. މިއިން އެއްވެސް ކަމަކުން މަޙުރޫމްވެ ހަމައެކަނި އަޅުކަމުގައި ދުވަސް ހޭދަކުރުމަށް ﷲ އަންގަވާފައި ނުވާ ކަން ފާހަގަކުރައްވާ މުފްތީ ވިދާޅުވީ، މިއިން ކޮންމެ ކަމެއްވެސް އެ ކަލާނގެ އެންގެވި ހުދޫދުން ބޭރުވާ ހިސާބުން ހުއްޓެން ޖެހޭނެ ކަމަށެވެ.