ޚަބަރު

ގުދުރަތީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީ ގެނެވޭނެ: ނަޝީދު


ދެމެހެއްޓެނިވި ތަރައްޤީއަކީ ގުދުރަތީ ނިޒާމުގެ ތެރެއިންވެސް ގެނެވޭނެ އެއްޗެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ކުރަމަތި ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް" މި ފޮތް ނެރުމަށް ކުރަމަތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށާއި އަތޮޅު ކައުންސިލްތަކުން އަބަދުވެސް ބަނދަރު ހެދުމާއި، އެއްގަމު ތޮށި ލުމާއި، މަގު ހެދުމާއި، މިފަދަ އުމްރާނީ ތަރައްޤީ ބޭނުންވާ ވާހަކަ ވަރަށް ގިނައިން ދައްކަވާ ކަމަށެވެ. ތަރައްޤީއޭ ބުނުމުން އަބަދުވެސް ސިފަވެފައި އޮންނަނީ އުމްރާނީ ތަރައްޤީއަށް އެކަނި ކަމަށް ވެސް ވިދާޅުވިއެވެ.

"އެކި އެކި ކޮންކްރީޓުގެ ބިނާތަށް ރަށްތަކުގައި ގަތަމުން ގެންދިޔައީމަ އެއީ ތަރައްޤީކަމަށް އެބަ ސިފަކުރެވޭ. އެކަމަކު ގުދުރަތީ ރޭވުމާއި އުފެދުމާއި އެކީގަ މަސައްކަތްކުރަމުން ދިޔައީމަ ހަޤީޤަތުގައި ދެމެހެއްޓެނިވި ގޮތެއްގައި މި ތަރައްޤީ ހޯދޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ގުދުރަތީ ނިޒާމުގެ ތެރެއިން ތަރައްޤީ ހޯދޭނެ ގޮތުގެ މިސާލު ނަންގަވައި ރައީސް ނަޝީދު ވިދާޅުވީ، މިކަންކަމަށް ހޭދަވާ ޚަރަދުން އެކަނިވެސް ތަފާތު ފެންނަ ކަމަށެވެ.

"ފަރެއް ހައްދަން ކުރަން ޖެހޭ ހޭދަ ވަރަށް ކުޑަ ކުޑަ. ބޮޑު ހިލަ ބަނދަރެއްގެ ބޭރު ތޮށި އެއް މީޓަރު އެއީ 3،000 ޑޮލަރު. އެތެރެ އެއްގަމު ތޮށި އެއް މީޓަރު އެއީ އަނެއް 3،000 ޑޮލަރު" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި 2،000 އެއްހާ ރަށް އޮތްއިރު، ކޮންމެ ރަށެއްގައި މިގޮތަށް ބަނދަރެއް ހެދުމަކީ ޚަރަދުގެ ގޮތުން ބަލާނަމަ ބޮޑު މަސައްކަތެއް ކަމަށެވެ. އެއާ ޚިލާފަށް 1 މީޓަރުގެ ފަރެއް ހެއްދުމަކީ 25 ޑޮލަރުން އެކަނި ވާ ކަމެއް ކަމަށާއި، ހޭޅިފަށުގެ ގަސްތައް ހެއްދުމަށް 5 ޑޮލަރު ވެސް ނުދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހޭޅި ފަށުގެ ގަސްތަކާއި ބޮޑު ހިލަ ބަނދަރާއި އެއްގަމު ތޮއްޓާއި ފަރު ވެސް ކުރަނީ އެއް ކަމެއް ކަމަށާއި، އެއީ ރަށް ހިމާޔަތްކުރުން ކަމަށެވެ. ހެޔޮ އަގުގައި، ތިމާވެއްޓާއި ރައްޓެހި ނިޒާމަކުން އެކަން ވާން އޮންނައިރު، އެހެން އެ މަސައްކަތް ނުކުރަންވީ ސަބަބެއް ނުވިސްނޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގުދުރަތްތެރިކަން އެއީ އުމްރާނީ ކަމެއްގެ ގޮތުގައި ސިފަކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ތަރައްޤީ އެބަ ގެންނަން ޖެހޭ ގުދުރަތްތެރިކަމާ އެކުގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގުދުރަތްތެރިކަން ބޭނުންކޮށްގެން ދިވެހިން ބޭނުންވާ އުމްރާނީ ތަރައްޤީ ހޯދެން އެބައޮތް ކަމަށާއި، ކުރަމަތި ގައިޑް ޓު ޕްލާންސްޓް އިން މޯލްޑިވްސް ފޮތުގެ ޒަރިއްޔާއިން އެ މަގަށް ވިސްނުން ބައްޓަންވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.