ޚަބަރު

އދ. ދިގުރަށުގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް އަޅަން ހަވާލުކޮށްފި


އދ.ދިގުރަށުގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް އަޅަން ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަޙުމަދު ތަލާލް މުޙައްމަދުއެވެ. ޓޫ އޭ ކޮމްޕެނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް އޮޕަރޭޝަން މެނޭޖަރ މުޙައްމަދު އައިމަން އަޙުމަދުއެވެ.

ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރަކީ، ރަށުގެ އިޖްތިމާޢީ އެކި ބޭނުންތަކަށް ބޭނުންކުރެވޭގޮތަށް ހަދާ އިމާރާތެކެވެ. އެގޮތުން މިސެންޓަރު އިމާރާތް ކުރަނީ ކުޅިވަރު ފެސިލިޓީތަކާއި،، އާއްމު ބައްދަލުވުންތައްވެސް ބޭއްވޭގޮތަށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 4.9 މިލިއަން ރުފިޔާއަށް، 5 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.

ޕާކިސްތާނުގެ އެހީގައި ސަރުކާރުން ވަނީ މިއަހަރުގެ ކުރީކޮޅު، މ.މުލީގައިވެސް ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް ހަވާލުކޮށްފައެވެ.

ޔޫތު މިނިސްޓްރީން ދަނީ އަތޮޅުތަކުގައި ޒުވާނުންގެ މަރުކަޒުތަކާއި އަދި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިނިސްޓްރީން މިވަނީ ހދ.މަކުނުދޫ ހޭންޑްބޯލް ކޯޓު ހެދުމާއި ހއ.އުތީމު ފުޓުބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކުރުމަށްވެސް ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ.

މަކުނުދޫ ހޭންޑް ބޯލް ކޯޓް ހެދުމަށް ސިލްވަރ މެރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ، 48 ދުވަހުން ނިންމާގޮތަށް، 1.4 މިލިއަން ރުފިޔާއަށެވެ.

އުތީމު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ހަވާލުކުރީ، އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކުރީ 2 މަހުން ނިންމާގޮތަށް، 2.3 މިލިއަން ރުފިޔާއަށެވެ.

މި ދައުރުގެ ތެރޭގައި 500 އަށްވުރެ ގިނަ ޕްރޮޖެކްޓް ޔޫތު މިނިސްޓްރީން އެކި ރަށްރަށުގައި ހިންގާފައިވާ ކަމަށް ޔޫތު މިިނިސްޓަރ އަޙުމަދު މަޙްލޫފްވަނީ ހާމަކުރައްވާފައެވެ.