ޚަބަރު

ސެނެހިޔާ ކައިރިއަށް ބަސް މަޑުކުރާގޮތަށް ހަމަޖައްސައިފި


ކަސްޓަމަރުންގެ އެދުމުގެ މަތިން މާލޭގައި ދެމުންދާ އާރްޓީއެލް ބަހުގެ ޚިދުމަތުގެ ދެ ރޫޓެއްގައި އިތުރު ސްޓޮޕެއް ޤާއިމުކޮށްފިއެވެ.

މިބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރްޓީއެލް) މެދުވެރިކޮށް މާލޭގައި ދެމުންދާ ބަހުގެ ޚިދުމަތުގެ ތެރެއިން ދެ ރޫޓެއްގައި އިތުރު ބަސް ހުއްޓި ޤާއިމުކުރުމަށް އެމްޓީސީސީން ނިންމީ ބަހުގެ ޚިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިންނެވެ. އެގޮތުން ރޫޓް 2 އިން މާލެއިން ހުޅުމާލެ އެއްވަނަ ފިޔަވައްސަށް ދާ ފަރާތްތަކަށާއި ރޫޓު 8 މެދުވެރިކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހިން މާލެއަށް އަންނަ ފަރާތްތަކުގެ އެދުމުގެ މަތިން ސެނެހިޔާ ހޮސްޕިޓަލް ކައިރީގައި މިހާރު ބަސް ހުއްޓިއެއް ޤާއިމުކޮށްފައިވާކަމަށް އެމްޓީސީސީންވަނީ ހާމަކޮށްފައެވެ.


ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އަމާޒުކޮށް އެމްޓީސީސީން ކުރިއަށްގެންދިޔަ ސަރވޭގައި ގިނަ ބަޔަކު ސެނެހިޔާ ހޮސްޕިޓަލް ހިމެނޭ ސަރަޙައްދަށް ފަސޭހައިން ދެވޭނެ ގޮތެއް ހަދައިދިނުމަށް އެދިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދިއެއީ ސިއްޙީ ފަރުވާ ހޯދުމަށް ގިނަ ބަޔަކު އަންނަ ސަރަޙައްދަކަށްވެފައި މިހާރު އެތަނުގައި ބަސް ހުއްޓިއެއް ނެތުމުން ބަހުގައި ހޮސްޕިޓަލަށް އަންނަ ފަރާތްތަކަށް ތަކުލީފު ބޮޑުކަން އެފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެހެންކަމުން މިފަރާތްތަކުގެ އެދުމުގެ މަތިން ބުރާސްފަތި ދުވަހުން ފެށިގެން މިދެރޫޓުން ދާ ބަސް ސެނެހިޔާ ކައިރިއަށް މަޑުކުރާނެއެވެ.

ޢާއްމު ދަތުރުފަތުރުގެ ނިޒާމަކީ ރައްޔިތުން ބަރޯސާވާ އަދި ރައްޔިތުންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުތަކަށް ޚާއްސަ ބަސް ތަކާއި ބަސް ހުއްޓިތައް ޤާއިމުކޮށްފައިވާއިރު މާލެއާއި ހުޅުމާލޭގެ އެތެރޭގައި މިނީބަހުގެ ޚިދުމަތް ދިނުމުގައި މިބަސްތަކުން ކަނެކްޓިން ބަސްތައް ނެގޭނެހެން ބަހުގެ ރޫޓުތައްވަނީ ކަނޑައާޅާފައެވެ. މާލެއާއި ހުޅުމާލެއާއި ދެމެދު ބޭނުންކުރާ ބަހުގެ ޚިދުމަތަކީވެސް ޢާއްމުންގެ މެދުގައި މަޤުބޫލު އަދި އިތުބާރު ހޯދާފައިވާ ޚިދުމަތެއްކަން އެމްޓީސީސީން ފާހަގަކުރެއެވެ.