ޚަބަރު

މަދަނީ ޖަމިއްޔާތަކަށް ދޭ އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި


މަދަނީ ޖަމިއްޔާތަކުގެ އެވޯޑު ނުވަތަ ސިވިލް ސޮސައިޓީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލައިފިއެވެ.

މަދަނީ ޖަމިއްޔާތަކުގެ އެވޯޑަކީ ދިވެހި ރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އިނާމެކެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ، މި އެވޯޑް ދިނުމުގެ މައިގަނޑު ބޭނުމަކީ ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުންކަމަށެވެ. އަދި މިއީ އަމިއްލަ އިސްނެގުމުގެ މަތިން އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ދަައްކައިދޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ޖަމިއްޔާތަކަށް ދެވޭ އިނަމެކެވެ. މި އިނާމް ލިބޭ ފަރާތްތަކަށާއި، ޖަމިއްޔާތަކަށް ޚާއްސަ އެވޯޑަކާއި ސެޓްފިކެޓް ލިބޭނެކަމަށް ޔޫތް މިނސްޓްރީން ވިދާޅުވެއެވެ.

މި އެވޯޑަށް ޝައުގުވެރިވާ ޖަމިއްޔާތަކުން ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ. މި އެވޯޑް 9 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ޔޫތް މިނިސްޓަރ އަޙްމަދު މަޚުލޫފްގެ ޚާއްސަ އެވޯޑެއްވެސް ދޭނެއެވެ.

ސިވިލް ސޮސައިޓީ އެވޯޑް ދޭނެ ދާއިރާތައް:

- ތަޢުލީމީ ދާއިރާ
- ތިމާވެށީގެ ދާއިރާ
- ޙާއްސަ އެހީގެ ދާއިރާ
- މަސައްކަތްތެރިކަން ކުރިއަރުވާ އާލާކުރުން
- މަސްތުވާތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން
- ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތް ކުރުން
- ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުން
- ފަންނުވެރިކަން (އާޓްސް) އަދި (އައިސީޓީ) ދާއިރާ ދިރުވައި އާލާކުރުން
- އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
- ސްޕެޝަލް ރިކޮގްނިޝަން އެވޯޑް (މުޖުތަމައު ބާރުވެރިކުރުމަށް ކައުންސިލް ނުވަތަ ޖަމްއިއްޔާތަކުން ހިންގާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އެވޯޑް)

މި އެވޯޑް ދިނުމުގައި ޖަމިއްޔާތަކުން ހިންގާފައިވާ ހަރަކާތްތަކުގައި މުޖުތަމައު ބާރުވެރިކޮށް މުޖުތަމައަށް ފައިދާހުރި ކަންކަން ހާސިލްކުރުމަށް ދެމެހެއްޓެނިވި ގޮތަކަށް ހަރަކާތްތައް ހިންގާފައިވާ މިންވަރާއި ފެންވަރަށް ބަލާނެއެވެ. އެގޮތުން ބަލާނެ ކަންކަމަކީ އުފެއްދުންތެރިކަމާއި، މުޖުތަމައު ބާރުވެރިކުރުމަށް އިސްނެގި މިންވަރާއި، ހަރަކާތުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާވަމުން ދިއަ ގޮތުގެ އިތުރުން ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެވެ.

އެވޯޑަށް އެދި ނަން ހުށަހެޅޭނީ ދިވެހިރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ އަދި ފާއިތުވި ދެ އަހަރު ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ މުއްދަތުގައި ރަޖިސްޓްރާއަށް ހުށަހަޅާފައިވާ ޖަމިއްޔާތަކަށެވެ.

މަދަނީ ޖަމްއިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިނާމަށް ނަން ހުށަހަޅަން ޖެހޭނީ ކޮންމެ ޖަމިއްޔާ އަކުންވެސް އަމިއްލަ އަށެވެ. އިނާމަށް ނަން ހުށަހަޅާ ފޯމާއެކު އިނާމު ހައްޤުވާ ކަމުގެ ފުރިހަމަ ހެކި ހުށަހަޅަން ޖެހެއެވެ.