ޚަބަރު

ހުޅުމާލޭގެ އޮފީސް އިމާރާތަށް 3 މިނިސްޓްރީއެއް ބަދަލުކޮށް، ޑިސެމްބަރުމަހު ހުޅުވަނީ


ހުޅުމާލޭގައި ތަރައްޤީކުރި އޮފީސް އިމާރާތަށް 3 މިނިސްޓްރީއެއް ބަދަލުކޮށް އަންނަ ޑިސެމްބަރުމަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އައު އޮފީސް އިމާރާތް ހެދުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމުމުގެ މަތީންނެވެ.

6 ފަންގިފިލާއަށް ތަރައްޤީކުރާ މި އޮފީސް އިމާރާތުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާއެވެ. މިއީ ހުޅުލެއާއި ހުޅުމާލެއާ ދެމެދު ތަރައްޤީކޮށްފައިވާ ހައިވޭގެ މަސައްކަތްވެސް ކޮށްފައިވާ ކުންފުންޏެވެ. އެކުންފުނިން މި އޮފީސް އިމާރާތްކުރުމުގެ މަސައްކަތް 2020 ވަނަ އަހަރުގެ ފެބްރުއަރީމަހު ވަނީ ފަށާފައެވެ.

ޗައިނާގެ ހުނާން ކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެހެންނަމަވެސް އިމާރާތުގެ މަސައްކަތް ދިގުލައިގެން ދިޔައީ ކޯވިޑް-19ގެ ޙާލަތާ ދިމާވުމާގުޅިގެންކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ ނޮވެމްބަރުމަހުގެ މަސައްކަތް ނިމި، އިމާރާތަށް ބަދަލުކުރަން ކަނޑައެޅުނު އޮފީސްތަކަށް އަންނަ ޑިސެމްބަރުމަހު އެ އިމާރާތް ބޭނުންކުރަން ފެށޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްޤީކުރާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ޕާކިންގ ސަރަޙައްދެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ކުދި މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

މި އިމާރާތުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތްތަކެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރެއާއި ބޭރުންކުރަންޖެހޭ ފިނިޝިންގގެ މަސައްކަތްތަކެވެ. މި އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓްރީގެ އިސް އޮފިޝަލުން މިއަދު ވަނީ ބައްލަވާލައްވާފައެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ އައު އޮފީސް އިމާރާތް ބެހިފައިވާގޮތް :

# ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ - ޕާކިންގ އޭރިއާ
# 2 ވަނަ ފަންގިފިލާ - މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
# 3 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
# 4 ވަނަ ފަންގިފިލާ – އެމެރިކަން އެމްބަސީ
# 5 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
# 6 ވަނަ ފަންގިފިލާ – ކުދި މީޓިންގ ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެއް

މި އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓުގެ ޖާގަ ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ސަރުކާރުން 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ސަރުކާރު އޮފީސްތަކުގެ އިމާރާތުގެ ދަތިކަން އެންމެ ބޮޑަށް ދިމާވީ ހުރަވީ ބިލްޑިންގ ބޭނުންނުކުރެވި، އެ އިމާރާތުގެ ތަންތަން ހަލާކުވެ އެތަނަކީ ބޭނުންކުރުމަށް ރައްކާތެރިތަނެއް ނޫންކަމަށް އިންޖިނިއަރުން ލަފާދީފައިވާތީ އެތަނުގައި ހުރި އޮފީސްތައް ހުސްކުރަން ޖެހުމުގެ ސަބަބުންކަމަށެވެ. އެގޮތުން ހުރަވީ ބިލްޑިން ތަޅާލާ، އެ ބިމުގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހުރަވީ ބިލްޑިންގ ތަޅާލިއިރު، އެ އިމާރާތުގެ ސްޓީލް ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތުމުން، ސަރުކާރުން ނިންމާފައިވަނީ އޮފީސްތަކުގެ ފައިލްތައް ދިގު މުއްދަތަކަށް ރައްކާކުރުމަށްޓަކާ އެކަމަށް ޖާގަ ބޭނުންވާތީ، މި ސްޓީލް ސްޓްރަކްޗަރ ބޭނުންކޮށްގެން މާލެއާއި ކައިރި ރަށެއްގައި ނުވަތަ ވައިގެމަގުން ފަސޭހައިން ދެވޭނެ މަގެއްގައި ފައިލް ރައްކާކުރުމަށް އިމާރާތެއް އެޅުމަށެވެ.