ޚަބަރު

ސަރުކާރު އޮފީސްތަކުގައި ކުދިން ބަލަހައްޓާނެ ޖާގަތަކެއް ހަދަނީ


ވަޒީފާއަށް ނިކުންނަ މައިންބަފައިންނަށްކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރު ޙިއްސާވާ އޮފީސްތަކުގައި ކުދިން ބަލަހައްޓާނަ ޖާގަތަށް ނުވަތަ ޑޭކެއަރތަކެއް ހަދަން ފަށައިފިއެވެ.

މިއީ މަސައްކަތުގެ މާޙައުލުގައި އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ޙައްލުކުރުމަށް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނާފައިވާ ޑޭ ކެއަރގެ ސެންޓަރުތައް ހެދުމުގެ ޕްލޭންގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

މި މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ހިންވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމުދު، ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީއާއި ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އަތްފޯރާ ފަށުގައި ޑޭ ކެއަރގެ ޚިދުމަތް ދިނުމަށް ތަނެއް ވުޖޫދުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

އެގޮތުން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީއިން މަސައްކަތް ކުރީ އޭޑީބީގެ ހިލޭ އެހީގައި، މާލޭގައި ޑޭ ކެއަރ ސެންޓަރެއް ހަދާ ޚިދުމަތް ދިނުމަށް މިނިސްޓަރ ވިދާޅުވިއެވެ. ޕްރޮޖެކްޓް ރާވާ، އެކަމަށް ބޭނުންވާ ބިން ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މާލެއިން މިކަމަށް ބިމެން ހޯދުމަށް ސިޓީ ކައުންސިލަށް ހުށައެޅުމުން، ކައުންސިލް ފޮނުވި އެއްވެސް ބިމަކީ، ސިޓީ ކައުންސިލްގެ ނަމުގައި ހުރި ބިންތަކެއް ނޫންކަމަށާއި، އެ ބިންތަކުގެ ވެރިންނާ ވާހަކަދައްކައިގެން އެކަން ކުރުމަށް ސިޓީ ކައުންސިލުން އެދުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އަދިވެސް އެކަމަށް ބިމެއް ނުލިބުމުގެ ކަންބޮޑުވުން މިނިސްޓަރ ވަނީ ފާޅުކުރައްވާފައެވެ.

ޖެންޑަރ މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފަޔާއެކު މިނިސްޓްރީއިން ދެން މަސައްކަތް ފެށީ، ސަރުކާރާއި ސަރުކާރު ޙިސާވާ ކުންފުނިތަކުގެ އޮފީސްތަކުގައި މިފަދަ ސެންޓަރުތައް ހެދުމަށްކަަމށް ވިދާޅުވެފައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އަހަރު ނިމުމުގެ ކުރިން މިފަދަ ސެންޓަރެއް ސްޓެލްކޯއާ އެމްޕީއެލްގައި ޤާއިމުކުރާނެކަމުގެ އެ ކުންފުނިތަކުން މަޢުލޫމާތު ދީފައިވާކަމަށް މިނިސްޓަރުގެ ޖަވާބުގައިވެއެވެ. ސްޓޭލްކޯއިން ވިދާޅުވީ އެ ކުންފުނީގެ ޑޭކެއަރ އަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި 3000 އަކަފޫޓުގެ 6 ފަންގިފިލާގެ، ޑޭކެއަރ ސެންޓަރެއް ހެދުމަށްވެސް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ޑޭކެއަރ ތަރައްޤީ ކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޭނުން ކުރެވޭ ގޮތަށެވެ.

މީގެ އިތުރުން ޑޭ ކެއަރތައް ހެދުމަށް އިތުރު ކުރުންފުނިތަކާއެކުވެސް ޖެންޑަރ މިނިސްޓްރީއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ޑޭ ކެއަރ ހެދުމުގެ އުސޫލުވެސް މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ.