ޚަބަރު

ސްކޭމް ކޯލްތައް އިތުރުވެ، އެކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި އިދާރާތައް އެއް މޭޒަކަށް


އޮޅުވާލައިގެން ފައިސާ ޓްރާންސްފާ ކުރުމާއި ސްކޭމް ކޯލްގެ މައްސަލަ ބޮޑުވަމުންދާތީ އެކަންކަން ހައްލުކުރުމަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތައް މަޝްވަރާކުރަން ފަށައިފިއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޞް އިސްމާއިލް އިސްކޮށް ހުންނަވާ ފެށްޓެވި މި މަޝްވަރާތަކުގައި މަރުކަޒީ ބޭންކް އެމްއެމްއޭއާއި، ބޭންކް އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ސްކޭމް ކޯލާއި އޮޅުވާލައިގެން ފައިސާ ޓްރާންސްފާކޮށް، ކުށްކުރުން ގިނަވަމުން ދާތީ އެ ކަންކަން ހައްލުކުރަން އިދާރީ އަދި ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މަކަރާއި ޙީލަތުން އަދި އެކި ނަންބަރުތަކުން އެކި ކުންފުނިތަކުގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ. އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅާ ގިނަ ނަންބަރުތަކަކީ އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުވާ ނަންބަރުތަކެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ނަންބަރުތަކަކީ ބިދޭސީއެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިހުންނަ ނަންބަރުތައްކަމަށާއި، އެފަދަ ޙާލަތުގައި އެމީހުން ދެނެގަނަންނައިރު، އެއީ އެތައް އަހަރެއްކުރިން ރާއްޖެ ދޫކޮށް ޤައުމަށް ގޮސްފައިވާ ބިދޭސީއަކަށްވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އޮޅުވާލައިގެން މަކަރާއި ޙީލަތުން ފައިސާ ހޯދުމަށް ގިނައިން ފޯނުކުރާ ސަރަހައްދަކީ މާފުށި ސަރަހައްދު ނުވަތަ މާފުށީ ޖަލުކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ. އަދި މާފުށީ ޖަލުން ފޯން ނުކުރެވޭނެގޮތް ހެދުމަށް ފުލުހުން އިސްނަގައިގެން، ޖަލުގައި ޖޭމަރު ހަރުކުރުމަށް ޕޮލިސީ ލެވެލްގައި މަޝްވަރާތައް ކުރެވި އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

އެކި މީހުންނަށް ގުޅައި ފޯންކޮށްގެން އޮޅުވާލައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދާ މައްސަލާގައި ފުލުހުން ވަނީ، މޮބައިލް ސިމް ވިއްކުން ހަރުކަށިކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން މިހާރު ފަށާފައެވެ. އެގޮތުން އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިނުވާ ނަންބަރުތައް 24 ގަޑިއިރުގެ ތެރޭގައި ބްލޮކްކުރުމަށް ނިންމާފައިވެއެވެ.