ޚަބަރު

މިމަހުގެ މިހާތަނަށް 198 މީހުން ކޯވިޑަށް ޕޮޒިޓިވް


އޮކްޓޯބަރު މަހުގެ މިހާތަނަށް 198 މީހަކަށް ކޯވިޑް-19 ޖެހިފައިވާކަމަށް އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ބަލި ޖެހުނު މީހުންގެ ޢަދަދު 185200އަށް ވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ކޯވިޑްގެ ކޭސްތައް މަދުވުމާއި ގުޅިގެން ކޭސްތައްކުގެ އަޕްޑޭޓް، މިހާރު ޢާއްމުކުރަނީ ހަފްތާއަކު އެއްފަހަރުއެވެ. އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ ކޯވިޑްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 198 މީހުންނެވެ. މީގެތެރެއިން އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި 43 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. ދެވަނަ ހަފްތާގެ ތެރޭގައި 69 މީހަކު ޕޮޒިޓިވްވެފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި 86 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ހަފްތާގައި ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 51 މީހަކާއި، އެހެން ސަރަޙައްދުތަކުން ޕޮޒިޓިވްވީ 35 މީހެކެވެ. މީގެތެރެއިން 11 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުތަކުގައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޢަދަދުވަނީ 185280 އަށް އަރާފައެވެ. ރާއްޖޭގައި މިހާތަނަށް ކޯވިޑްބަލީގައި 308 މީހަކުވަނީ ނިޔާވެފައެވެ.

ކޯވިޑް ބައްޔާއި ދެކޮޅަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން 399131 މީހަކުވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 385027 މީހަކުވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. ބޫސްޓަރގެ ފުރަތަމަ ޑޯޒް 167087 މީހުން ޖަހާފައިވާއިރު ބޫސްޓަރގެ ދެވަނަ ޑޯޒް 1366 މީހަކުވަނީ ޖަހާފައެވެ.

ކޯވިޑްގެ ކޭސްތައް މިހާރު މަދުވެފައިވީނަމަވެސް ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ކޯވިޑްގެ ކޭސްތައް މިދުވަސްވަރު މަދުނަމަވެސް ޑެންގީއާއި ޢާއްމު ރޯގާތައް ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. އެހެންކަމުން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ މަދުކުރުމަށް މަދިރި އާލާވާ ތަންތަން މަދުކުރުމަށް އިސްކަންދިނުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.