ޚަބަރު

އިތުރު 12 ރަށެއްގެ މަގު ބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ސްޓެލްކޯއިން ހަވާލުވެއްޖެ


އިތުރު 12 ރަށެއްގެ މަގު ބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ. މިފަހަރު ސޮއިކޮށްފައިވަނީ ކ. އަދި ވ. އަތޮޅުގެ ރަށްތަކުގެ ކައުންސިލާއެކުއެވެ. މި މަސައްކަތް ސްޓެލްކޯއިން ކުރިއަށްގެންދަނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެދަށުންނެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ މަސައްކަތަކީ، ރަށްރަށުގެ މަގުތަކާއި އާއްމު އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާ، ކައުންސިލްތަކުން ބަލަހައްޓަމުން އަންނަ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުމެވެ. މިކަމުގެ އެއްބަސްވުމުގައި ރަށްރަށުގެ ކައުންސިލްތަކާއިއެކު ސޮއިކޮށްފައިވަނީ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެގައެވެ.

ސްޓެލްކޯއިން މަގުބައްތި ބެލެހެއްޓުމަށް ހަވާލުވެފައިވާ ރަށްތަށް:

- ކ.ގާފަރު - ކ.ދިއްފުށި
- ކ.ތުލުސްދޫ - ކ.ހިންމަފުށި
- ކ.ގުޅީ - ކ.މާފުށީ
- ކ.ގުރައިދޫ - ވ.ފުލިދޫ
- ވ.ތިނަދޫ - ވ.ފެލިދޫ
- ވ.ކެޔޮދޫ - ވ.ރަކީދު

މި 12 ރަށާއެކު ޖުމަލް 29 ރަށެއްގެ މަގު ބައްތިތައް ބެލެހެއްޓުމާ އެ ކުންފުނިން މިވަނީ ހަވާލުވެފައެވެ. ސްޓެލްކޯއިން މަގު ބައްތިތައް ބެލެހެއްޓުމާއި ހަވާލުވެފައިވަނީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އަތޮޅުތަކުގެ ރަށްތަކުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ މި މަސައްކަތަކީ ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކޮށް ބެލި ބެލުމުގައި ކައުންސިލްތަކުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަން ފާހަގަވެގެން ކުރަން ނިންމި މަސައްކަތެއްކަމަށެވެ. ކައުންސިލްތަކަށް ލިބޭ ބަޖެޓް ކުޑަވުމާއި، މި މަސައްކަތަކީ ކޮންމެ އަހަރަކުވެސް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށްވާތީ، މި އެހީއަކީ ކައުންސިލްތަކަށް ވަރަށް މުހިންމު އެހީއެއްކަމަށެވެ.

ޝަރީފް ވިދާޅުވީ މި މަސައްކަތުގައި އެ ކުންފުނިން ވަކި ރަށެއް ތަފާތު ނުކުރާނެކަމަށެވެ.

"މިހާތާނަށް ސޮއިކުރި ރަށްތަކުގެ މަގުބައްތިތައް މަރާމާތުކުރަން ބޭނުންވާ މިންވަރުގެ އޮޑިޓެއްވަނީ ހަދާފަ. އެގޮތުން އިތުރަށް މަގު ބައްތި ޖެހަންޖެހޭ މިންވަރާ، މަރާމާތުކުތުކުރަން ބޭނުންވާ މިންވަރު ދެނެގަނެވި، އެކަމަށް ބޭނުންވާ ސަމާނު ގެނައުމުގެ މަސައްކަތް ވަނީ ފެށިގައި." ޝަރީފް ވިދާޅުވިއެވެ.

މި މަސައްކަތަކީ ކައުންސިލްތަކުންވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެކެވެ. ކައުންސިލްތަކުން ފާހަގަކުރިގޮތުގައި އާއްމު ރައްޔިތުންނަށް ލިބޭ ލުއީގެ އިތުރުން، މި ރަށްތަކަކީ ފަތުރުވެރިކަންވެސް ކުރާ ރަށްތަކަކަށް ވުމާއެކު މުހިންމު ޚިދުމަތެކެވެ. އަދި ކައުންސިލުން ލައިޓްތައް މަރާމާތުކުރަން ކުރާ ހޭދަ ސަލާމަތްވުމަކީ، ރަށުގެ ތަރައްޤީއަށް އިތުރު މަސައްކަތް ކުރުމަށް ލިބޭ ކުރިއެރުމެއްކަމަށެވެ.