ޚަބަރު

އިޖުރާއަތާއި ޚިލާފަށް ޙުކުމެއް ކުރި މައްސަލާގައި ޤާޟީ ފަހީމަށް ފިޔަވަޅުއަޅައިފި


ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ޙުކުމްކޮށްކޮށް މައްސަލަ ނިންމާފައިވާތީ، ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފިއެވެ.

ޤާޟީ ފަހީމް ވަނީ ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ޙުކުމްކޮށް، މައްސަލަ ނިންމާފައިވާކަމަށް ޖޭއެސްސީގެ ތަޙްޤީޤުގައި އިޢުތިރާފުވެފައެވެ.

ޖޭއެސްސީން ވިދާޅުވީ މިއީ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި، މައްސަލައާގުޅޭ ވާހަކަތައްދެއްކުމަށް މައްސަލައިގެ ޚަސްމުންނަށް ނުވަތަ ޚަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާޢަތުގައިވާގޮތުގެ މަތިން އެކަށޭނެ ފުރުޞަތު ދޭންޖެހޭނެ ކަމެއްކަމަށެވެ.

ނަމަވެސް އެފުރުސަތު ނުދެއްވައި ޤާޟީ ފަހީމް އަމަލުކުރައްވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ. މިމައްސަލާގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ޤާޟީ ފަހީމަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.