ޚަބަރު

ޖަލުގައި ގައިދީންނަށް ދެވެން ނެތް ފަރުވާ ދިނުމަށް ޚާއްޞަ އޮޕަރޭޝަނެއް


ޖަލުގައި ތިބި ޤައިދީންނާއި، ބަލި މީހުންގެ ތެރެއިން ޖަލުން ލިބެން ނެތް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހޭހަންގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ތައްޔާރުވެއްޖެއެވެ.

އޮޕަރޭޝަން ހޭހަން އަކީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއި އެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި، ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިނގޭ ޚާއްސަ އޮޕަރޭޝަންއެކެވެ. މިއޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29ވާ ހޮނިހިރު ދުވަހުއެވެ.

މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ޤާއިދީންނާއި ބަންދުމީހުން ހަދަންޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް އެ ޚިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.

މިއޮޕަރޭޝަންގައި ބައިވެރިވާނީ މައިގަނޑު ގޮތެއްގައި ހުރިހާ ކޮމިޝަންޑު އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކު ތަކުގެ އޮފިސަރުންކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ. މީގެ އިތުރުން އޮޕްރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެއެވެ. މި އޮޕްރޭޝަންގައި ސީނިއަރ މެނޭޖްމަންޓް ބައިވެރިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި އެކު ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުންކަމަށްވެސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވިއެވެ.