ޚަބަރު

ފެލިވަރު މަޝްރޫޢުގެ ޑިޒައިނަށް ކުޑަ ބަދަލެއް، އަމާޒަކީ އަންނަ މާރިޗު މަހަށް ނިންމުން


ފެލިވަރު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ޤާއިމުކުރާ އައު ބަނދަރުގެ މަސައްކަތް އަންނަ މާރިޗުމަހަށް އެއްކޮށް ނިމެނޭނެކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިމަސައްކަތް ކުރިން ނިމޭނެކަމަށް ލަފާކޮށްފައިވަނީ ޖެނުއަރީމަހަށެވެ. އެހެންނަމަވެސް ޑިޒައިނަށް މިފްކޯއިން ގެނައި ބަދަލަކާއެކުވަނީ މަޝްރޫޢުގެ މުއްދަތު ވަނީ ކޮންމެވެސް ވަރަކަށް ދިގުލާފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މުހިއްމު ދައުރެއް އަދާކުރާ ފެލިވަރު ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ ބިޔަ މަޝްރޫޢެއް ހިންގަމުންނެވެ. މީގެ ދަށުން ބަނދަރުތައް ތަރައްޤީކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީއާއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިފްކޯއިން ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ފެލިވަރުގައި 3 ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިގޮތުން ރާއްޖެއިން ބޭރަށް މަސްބޭރު ކުރާ އެކްސްޕޯޓް ޖެޓީއަކާއި، މަސްކިރާ ޖެޓީގެ އިތުރުން އެތެރޭގެ އުޅަނދުތަކަށް ބޭނުންކުރާ ލޯކަލް ޖެޓީއެވެ.

މިފްކޯއިން ވިދާޅުވީ، މި މަސައްކަތްތައް ކުރިން ޕްލޭންކޮށްފައިވާގޮތުން ޖެނުއަރީއަށް ނިންމުމަށް ޝެޑިއުލްކޮށްފައިވީނަމަވެސް މިފްކޯއިން އެކްސްޕޯޓް ޖެޓީގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކުރާ އެސް.ޓީ.އޯގެ އެންމެ ބޮޑެތި ބޯޓުތަކަށްވެސް ކައިރިކުރެވޭ ފެންވަރަށް ބަނދަރުގެ ޑިޒައިން މިހާރު ބަދަލުކޮށްފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ. އެހެންކަމުން އެމް.ޓީ.ސީ.ސީއިން މިހާރު މަސައްކަތްކުރަމުންދާ ބާރުމިނުގައި އަންނަ އަހަރުގެ މާރިޗުމަހަށް ބަނދަރުތަކުގެ ހުރިހާ މަސައްކަތެއް ނިމޭނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިފްކޯއިން ވިދާޅުވީ، މިހާރު ލޯކަލް ޖެޓީގެ މަސައްކަތް އެއްކޮށްވަނީ ނިމިފައިވާކަމަށެވެ. އަދި މިހާރު އެކްސްޕޯޓް ޖެޓީގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މަސްކިރާ ބަނދަރުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިޕްރޮޖެކްޓް ކުރިއަށްގެންދާ އެމް.ޓީ.ސީ.ސީއިން ވިދާޅުވީ، ފެލިވަރުގެ ބިންހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ 51 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާއިރު ރިވެޓްމަންޓް ޖެހުމުގެ 93 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 6 ހެކްޓަރުގެ ބިން މިހާރުވަނީ ހިއްކާ ނިމިފައެވެ. ފެލިވަރު ތަރައްޤީވެގެން އަންނައިރު 200 ޓަނުގެ ބްރައިން ފްރީޒްކުރެވޭނެ ނިޒާމަކާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ ޒަމާނީ ކޭނަރީއެއް ޤާއިމުކުރެވިގެންދާނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.