އދ. އޮމަދޫ ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ޖަޕާން ސަރުކާރުން 1.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދީފިއެވެ.
ޖަޕާނުން މި ހިލޭ އެހީ ފޯރުކޮށްދީފައިވަނީ އެ ޤައުމުން ކުރިއަށްގެންދާ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް، ޖީ.ޖީ.ޕީ ސްކީމުގެ ދަށުންނެވެ. މި އެހީ އޮމަދޫ ސްކޫލާއި ޙަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި އެހީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ. އޮމަދޫ ސްކޫލުގެ ފަރާތުން އެހީއާއި ޙަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ސްކޫލުގެ ޕްރިންސިޕަލް ޙަސަން އާމިރެވެ.
ޖީ.ޖީ.ޕީ ސްކީމުގެ ދަށުން ޖަޕާނުން ވަނީ އޮމަދޫ ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ޖުމްލަ 80،731 އެމެރިކާ ޑޮލަރު ނުވަތަ 1.2 މިލިއަން ރުފިޔާ ހިލޭ އެހީގެގޮތުގައި ފޯރުކޮށްދީފައެވެ.
މި އެހީގެ ދަށުން އޮމަދޫ ސްކޫލުގައި ކްލާސްރޫމަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ފާޚާނާއެއް އިމާރާތްކުރެވިގެންދާނެއެވެ. އަދި އޮމަދޫ ސްކޫލުގެ ކްލާސްރޫމްތަކަކީ ދަރިވަރުންނަށް ރައްކާތެރި، ކިޔެވުމަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކާ ގެންނަންޖެހޭ ބަދަލުތައް ގެނެވިގެންދާނެއެވެ.
މިއާއެކު ގުދުރަތީ ކާރިސާއެއްގެ ވަގުތުގައި، އިމަރޖެންސީ އިވެކުއޭޝަން ޝެލްޓާ ނުވަތަ ވަގުތީ ބޯހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައިވެސް ސްކޫލް އިމާރާތް ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ވިދާޅުވެއެވެ.
ޖަޕާނުގެ ޖީ.ޖީ.ޕީ ސްކީމުގެ ދަށުން 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަޢުލީމީ، ތިމާވެށި، ޞިއްޙީ، ދަތުރުފަތުރު އަދި ހަކަތައިގެ ދާއިރާއަށް އެކި ގޮތްގޮތުން ޖަޕާނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.