ޚަބަރު

ދެމެހެއްޓެނިވި ގޮތެއްގައި ސަބްސިޑީސް ދެވޭނީ ޓެކްސް ބޮޑުކޮށްގެން: އަސްލަމް


މުވައްޒަފުންނަށް ދެމުންދާ މުސާރަތައް ބޮޑުކޮށް، ސަރުކާރުން ދޭ ސަބްސިޑީތައް، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނީ ޓެކްސް ބޮޑުކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ޓެކްސް ބޮޑު ކުރުމަށްޓަކައި މަޖިލީހަށް އިޞްލާހެއް ހުށަހަޅައި މުޅި މަޖިލިސް ކޮމެޓީގައި ދަނީ ދިރާސާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ވަނީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސްކުރަން އެމްޑީޕީން ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ. މިބިލާއިމެދު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ވިސްނުން ހުރިގޮތް ހިއްސާ ކުރައްވައި ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއިމެދު ޕީޖީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ޚިޔާލް ތަފާތުވުންތަކެއް ހުރިކަމަށެވެ. މެމްބަރުންގެ ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވާ މެންބަރު އަސްލަމް ވިދާޅުވީ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާފައިވަނީ އިޤްތިޞާދީ ގޮތުން ހުރި ގޮންޖެހުންތަކުން އަރައި ގަތުމަށްޓަކައި ކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ ކަންބޮޑުވުމަކީ މުވައްޒަފުންނަށް ލިބޭ މުސާރަތަކާއި އިނާޔާތްތައް މިހާރުވެސް ކުޑަވުންކަމަށެވެ. އަދި ދައުލަތުން ހިލޭ ފޯރުކޮށްދޭ ބޭސްފަރުވާއާއި ކަރަންޓުގެ ޚިދުމަތްވެސް ހެޔޮ އަގެއްގައި ފޯރޮކޮށްދެވެނީ ސަރުކާރުން ވަރަށް ބޮޑު އަދަދެއް ސަބްސިޑައިޒް ކޮށްގެން ކަމަށް މެންބަރުން ވިދާޅުވެއެވެ. އަސްލަމް ވިދާޅުވީ، މުވައްޒަފުންގެ މުސާރަތައްވެސް ބޮޑުކޮށް، އަސާސީ އެހެން ކަންކަންވެސް ރަނގަޅު އަގެއްގައި ލިބޭނެ ގޮތް ހަދައި، ދެމެހެއްޓެވި ގޮތެއްގައި އެ ޚިދުމަތްތައް ފޯރުކޮށް ދެވޭނީ ޓެކްސް ބޮޑުކޮށްގެންކަމަށެވެ.

"ބައެއް މެމްބަރުން ވާހަކަ ދައްކާއިރުވެސް ވިދާޅުވަނީ ޚަރަދު ކުޑަކުރަން. ހަގީގަތުގައި މައިގަނޑު ބޮޑު ޚަރަދަކީ ކޮބައިތޯ. ދައުލަތުގެ މުސާރައާއި އިނާޔަތްތައް. އެންމެ ބޮޑު އެއް ކޮމްޕޯނަންޓް. ރިކަރެންޓް ޚަރަދަކީ އެންމެ ބޮޑު އެއް ކޮމްޕޯނަންޓް. އަޅުގަނޑުމެންނަށް އެއްވެސް މީހެއްގެ މުސާރަ ކުޑަކުރެވިދާނެތޯއޭ ސުވާލަކީ. ޑިމާންޑްހުރީ އަދިވެސް ބޮޑުކުރަން. މަތި ކުރަން. ޓީޗަރުންގެ މުސާރަވެސް ސިއްޚީ ދާއިރާގެ މުވައްޒިފުންގެ މުސާރަވެސް އަދި ބައެއް އެހެން ބޭފުޅުންގެ މުސާރަވެސް، ބޮޑުކުރަން އެދެނީ." އަސްލަމް ވިދާޅުވިއެވެ.

ކޯވިޑަށްފަހު ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމާއި އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްޤައުމަކީ ރާއްޖެކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް އެދަނޑިވަޅުގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ޓެކްސް ބޮޑު ކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފާގެ މަތީން ސަރުކާރުން ނިންމާފައިވާ މިނިންމުމަކީ، މީގެ ސަބަބުން އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރަންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށެވެ