ޚަބަރު

މާލޭ ފެނުގެ ރިޒާވް އަންނަ އަހަރު ޤާއިމުކުރެވޭނެ : އެމްޑަބްލިއުއެސްސީ


މާލޭގައި ތަރައްޤީކުރާ ފެނުގެ ރިޒާވް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާރޓަރުގެ ތެރޭގައި ނިމޭނެކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއްޖެއެވެ.

މިމަސައްކަތް ކުރުމުގައި ބައެއް ލަސްތަކެއް މިހާރު އައިސްފައިވީނަމަވެސް މިމަޝްރޫޢަކީ ދެމެހެއްޓެނިވިގޮތަކަށް ކުރެވޭ މަސައްކަތެއްކަން ކަށަވަރުކުރާނެކަމަށް އެކުންފުނިންވަނީ ވިދާޅުވެފައެވެ. މާލޭގައި ފެނުގެ ބެކަޕް ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ ބިން ސަރުކާރުންވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައެވެ.

މި މަސައްކަތް ކުރިން ޕްލޭންކުރިގޮތަށް ނުދާކަން ފާހަގަކުރައްވާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ، މި މަސައްކަތް ލަސްވީ ޕްލޭނަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ޝާހު ވިދާޅުވީ، އެންމެ ފުރަތަމަ ހެދި ޑިޒައިނާއި ގުޅޭގޮތުން ބޭރުގެ ފަރާތެއްގެ ލަފާ އެކުންފުނިން ހޯދާފައިވާކަމަށެވެ. އަދި ކުރީގެ ޑިޒައިނަކީ ދިގު މުއްދަތަކަށް ބޭނުންކުރެވޭގޮތަށް ހެދިފައިވާ ޑިޒައިނެއް ނޫންކަމަށް މިދާއިރާގެ ތަޖުރިބާކާރުންގެ ލަފާދެއްވާފައިވާތީ، މިހާރު ޑިޒައިނަށް ބަދަލުގެނެސްފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

މިހާރު ފައުންޑޭޝަންގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝާހު ވިދާޅުވިއެވެ.

"މިގެނެވުނު ބަދަލާއެކު ޚަރަދުވެސް ބޮޑުވެއްޖެ. ކުރިން ޕްލޭންކުރި ތާރީޚަށް ތާނގީތައް ނިންމޭގޮތެއް ނުވޭ، އެހެންނަމަވެސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މިމަސައްކަތް އެއްކޮށް ނިންމުމަށް މސައްކަތް ކުރަމުން މިދަނީ" ޝާހު ވިދާޅުވިއެވެ.

2014 ވަނަ އަހަރު މާލެއަށް ކުރިމަތިވީ ފެނުގެ ކާރިސާއަށްފަހު ވަނީ ފެނާއި ނަރުދަމާގެ ޚާއްސަ ޤާނޫނެއް އެކުލަވާލާފައެވެ.

މިޤާނޫނުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 5 ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ފެނުގެ ރިޒާވެއް ޤާއިމުކޮށްފައި ހުންނަންޖެހެއެވެ. އެމްޑަބްލިއުއެސްސީއިން މި މަސައްކަތް މިހާރު ކުރަމުންދާއިރު މާލޭގައި 13000 ޓަނުގެ 2 ތާނގީ ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

މާލޭގައި އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 2017 ވަނަ އަހަރު ވަނީ 5000 ކޮޑި މީޓަރުގެ ފެން ޕްލާންޓެއް ބަހައްޓާފައެވެ. އަދި 2018 ވަނަ އަހަރު ވަނީ ދުވާލަކު 2000 ޓަނުގެ ފެން އުފެއްދޭނެ ސިސްޓަމެއްވެސް ޤާއިމުކޮށްފައެވެ. އެހެންނަމަވެސް ކޮންމެ އަހަރަކުވެސް މާލޭގައި ފެން ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން އެމްޑަބްލިއުއެސްސީއިން ފާހަގަކުރެއެވެ.