ޚަބަރު

ރަޝިޔާއާއި އެމެރިކާގެ ދިފާޢީ ވަޒީރުން މަޝްވަރާ ކުރައްވައިފި


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ރަޝިޔާއާއި އެމެރިކާގެ ދިފާޢީ ވަޒީރުން މަޝްވަރާ ކުރައްވައިފިއެވެ. ސަރްގޭ ޝޮއިގޫއާއި ލޮއިޑް އޮސްޓިން ފޯނުން މަޝްވަރާ ކުރައްވާފައި ވަނީ، ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަންގެ ދިފާޢީ ކަންކަން ވަރުގަދަ ކުރަމުންދާ ކަމަށް ރަޝިޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މިއީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިއަށް އެރި ފަހުން ސޮއިގޫއާއި އޮސްޓިން ފޯނުން މަޝްވަރާ ކުރައްވާފައިވާ ދެވަނަ ފަހަރެވެ. މި މަޝްވަރާތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ދެ ޤައުމުން ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަން ދެ ޤައުމުން ވެސް ކަށަވަރު ކޮށްދެއެވެ.

މި މަޝްވަރާތަކާ ގުޅޭ ގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަލާމަތާ ގުޅޭ ކަންކަމާއި ޔޫކްރެއިނުގެ މައްސަލައާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވާ ކަމުގައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ، ދެ ޤައުމުގެ މެދުގައި މަޝްވަރާ ކުރުމުގެ ދޮރު ހުޅުވާފައި ބޭއްވުމަށް އޮސްޓިން އެދިވަޑައިގަންނަވާފައިވާ ކަމުގައެވެ.

މި ދެ ބޭފުޅުން އެންމެ ފަހުން ފޯނު މެދުވެރިކޮށް މަޝްވަރާ ކުރައްވާފައި ވަނީ މޭ މަހުގެ ތެރޭގައެވެ. އެ މަޝްވަރާތަކުގައި އޮސްޓިން ވަނީ ޔޫކްރެއިން ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ޝޮއިގޫއަށް ގޮވައިލައްވާފައެވެ. އެއިރު ރަޝިޔާގެ އަސްކަރިއްޔާއިން ދިޔައީ ޔޫކްރެއިނުގެ އިރުމަތީގައިވާ ޑޮންބާސް އަދި ޚާރްކިވްގެ ސަރަޙައްދުތައް ހިފަމުންނެވެ. އަދި ދެކުނުގައި ބާރު ގަދަ ކުރަމުންނެވެ.

ނަމަވެސް، ޔޫކްރެއިނުގެ ފައުޖުތަކުން މިހާރު ދަނީ އެ ސަރަޙައްދުތައް މިނިވަން ކުރަން ފަށާފައިވާ ކެމްޕޭނުގައި ކުރިއެރުންތައް ހޯދަމުންނެވެ. ހަނގުރާމައަށް އަށް މަސް ފުރެން ގާތްވެފައި ވާއިރު، ހުޅަނގުން ފޯރުކޮށްދީފައިވާ ބަރު ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުގެ ފައުޖުތަކުން ދަނީ ރަޝިޔާ ސިފައިން ފަހަތަށް ޖައްސަމުންނެވެ.

ޑްނީޕްރޯ ކޯރުގެ އައްސޭރިފަށުގެ ގިނަ ސަރަޙައްދުތަކެއް ޔޫކްރެއިނު ސިފައިން ވަނީ މިނިވަން ކޮށްފައެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ޚާރްސަންގައި ތިބި ރަޝިޔާ ސިފައިން ފަހަތަށް ޖައްސާށެވެ. އެއީ، ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ރަށެކެވެ.

ރަޝިޔާ ސިފައިންގެ އަތްދަށުން ޔޫކްރެއިނުގެ 88 ރަށަކާއި އަވަށެއް މިހާރު މިނިވަން ކުރެވިފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި، އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ ރަޝިޔާ ސިފައިން އަސީރުންގެ ގޮތުގައި ހައްޔަރު ކޮށްފައިވާ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

ޚާރްސަން ހިފުމަށް ޔޫކްރެއިނު ސިފައިން ހިންގާ އަސްކަރީ ކެމްޕޭނުގެ ދަށުން ދީފައިވާ ހަމަލާތަކެއްގައި ޢާންމުން ބޭނުން ކުރާ ބުރިޖަކަށް ގެއްލުންވެ، ޢާންމުންގެ ހަތަރު މީހުން މަރުވި ކަމުގައި ރަޝިޔާއިން ބުނެއެވެ. ނަމަވެސް، ޔޫކްރެއިނުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. އަދި، ޢާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާ ނުދޭ ކަމުގައި ބުނެފައެވެ.

އެ ސަރަޙައްދުގެ ރަށެއް ކަމުގައިވާ ކަޚޮކްވާގައި ހުންނަ ހައިޑްރޯ-އިލެކްޓްރިކް ޕްލާންޓެއް ކައިރީގައި މައިން ހަރުކޮށް، އެ ތަން ގޮއްވައިލަން ރަޝިޔާ ސިފައިން މަސައްކަތް ކުރަމުންދާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި، އެ ގޮތަށް އަމަލުކޮށްފި ނަމަ، ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގެ އިންޒާރު އޭނާ ކުރެއްވިއެވެ.

އެ ތަނަށް ހަމަލާދިނުމުގެ ބޭނުމަކީ ޔޫކްރެއިނުގެ ދެކުނުގައި ދިރިއުޅޭ ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ކަނޑައިލުން ކަމުގައި ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. އަދި، އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ޞުލްޙަ ބަލަހައްޓާ ބައިނަލްއަޤުވާމީ ފައުޖެއް ފޮނުވައިދިނުމަށް ޔޫކްރެއިނުން ވަނީ ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގައި އެދިފައެވެ.

އެ ތަނަށް ހަމަލާ ދީފި ނަމަ، ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަށް ވެސް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ޔޫކްރެއިނުން ބުނެއެވެ. ހަނގުރާމައިގެ ތެރެއިން ޒަޕޮރީޜިޔާ ޕްލާންޓަށް ވެސް ވަނީ އެތަކެއް ފަހަރެއްގެ މަތިން ހަމަލާދީފައެވެ. ނަމަވެސް، ދެ ޤައުމަކުން ކުރެ ޤައުމަކުން އެ ހަމަލާތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ.