ޚަބަރު

މުފްތީގެ ޚާއްސަ ތަޤުރީރުތަކެއް މާލެ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި


އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކުގެ ޚާއްސަ ތަޤުރީރުތަކެއް މާލޭ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ ނުވަތަ، މުފްތީ މެންކް ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މުފްތީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން މިމަހުގެ 28 އިން 31 އަށް ޚާއްސަ ތަޤުރީރުތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިމަހުގެ 28 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދުކޮށްދެއްވާނީ މުފްތީ މެންކެވެ. މުފްތީ މެންކް ޚުތުބާ ދެއްވުމަށް ހަމަޖެހިފައިވާ މަޢުޟޫއަކީ "ރިވައިވް ޔުއަރ ކަނެކްޝަން ވިތް ﷲ" ނުވަތަ މާތް ﷲ އާ އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ.

މުފްތީގެ މިފަހަރުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ތަޤުރީރު ދެއްވާނީ މިމަހުގެ 28 ވަނަ ދުވަހު މާލޭ ސިޓީގެ އަލިމަސް ކާނިވަލުގައެވެ. މި ދަރުސް ފަށާނީ 20:45 ގައެވެ. އަލިމަސް ކާނިވަލުގައި މުފްތީ ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާ މަޢުޞޫއަކީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" ނުވަތަ ދެރަވެ މާޔޫސްވުމާއި، ހާސްވުމާއި، ކަންބޮޑުވުމާގުޅޭގޮތުންނެވެ.

މިމަހުގެ 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި މުފްތީގެ ޚާއްސަ ތަޤުރީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ތަޤުރީރު ޚާއްސަކޮށްފައިވަނީ "އިސްލާމް، ކައިންޑްނެސް އެންޑް ބިނެވޮލެންސް" ނުވަތަ އިސްލާމްދީނާއި، އޯގާތެރިވުމާއި ހިތްހެޔޮކަމުގެ މައްޗަށެވެ. މި ދަރުސް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ 20:45 ފުވައްމުލައް ސްޓޭޑިއަމްގައެވެ.

އައްޑޫ ސިޓީގައި މުފްތީ މެންކް ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ އާދިއްތަ ދުވަހުއެވެ. އައްޑޫގައި ދެއްވާ ތަޤުރީރުގެ މަޢުޞޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ ހަރުދަނާ މުސްލިމުންނެވެ. މި ދަރުސް އޮންނާނީ އައްޑޫގެ ސިޓީ ސްކޮއަރގައެވެ. ދަރުސް ފަށާނީ 30 ވަނަ ދުވަހުގެ ރޭ 20:45 ގައެވެ.

މުފްތީގެ މި ދަތުރުފުޅުގެ ތެރެއިން ދެއްވާ އެންމެފަހު ތަޤުރީރު އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 20:45 ގައި ހުޅުމާލޭގައެވެ. ހުޅުމާލޭގައި މުފްތީ ދެއްވާ ތަޤުރީރު އޮންނާނީ ސިންތެޓިކް ޓްރެކުގައެވެ. މި ތަޤުރީރު ޚާއްސަކޮށްފައިވަނީ "ޑީލިންގ ވިތު ފެމެލީ ޕްރޮބްލަމްސް" ނުވަތަ އާއިލީ މައްސަލަތާ ކުރިމަތިލުމާ ގުޅޭގޮތުންނެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ. އަދި 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން އެކި މައުޞޫއަށް ދީނީ ދަރުސް ދެއްވިއެވެ.

މުފްތީއަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާއި ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އޭނާ ބޮޑަށް ފާހަގަކުރެވެނީ މުޖުތަމަޢުތަކުގައި ހުރި އިޖްތިމާޢީ ގިނަ މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވާ އިސްލާމީ ރިވެތި އަޚްލާގު ދަސްކޮށްދެއްވުމަށްޓަކައި ސޯޝަލް މީޑިއާގައިވެސް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.