ޚަބަރު

ކުޑަގިރި ފެހިކޮށް ހިތްފަސޭހަ ރަށަކަށް ހެދުން ކުރިއަށް!


މާލެ ކައިރިން ދަތުރުދިއުމަށް ރަށެއް ހިއްކައި އެރަށް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. މިވަޢުދާ އެއްގޮތަށް ކުޑަގިރީ ފަޅުން ރަށެއް ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް 8 ހެކްޓަރުގެ ރަށެއް ހިއްކައި 1.5 ހެކްޓަރުގެ ފިނޮޅެއް ހެދުންވެސް ހިމެނެއެވެ.

މި މަޝްރޫޢު ފަށައިގެން މިހާރު އަހަރަކާ ގާތްވެފައިވާއިރު، ސަރުކާރުން މިހާރު ވަމުން އަންނަނީ ރަށް އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

އެގޮތުން ދަތުރުދާ ރަށަކުން ބޭނުންވާނެ އާންމު ހުރިހާ ޚިދުމަތްތަކެއް ވަނީ މިހާރު ވަރަށް ފުރިހަމައަށް ޤާއިމުކޮށްފައެވެ. ހަޓުތަކާއި ފާޚާނާ ބަރިއާއި ރަށުގައި ގޮނޑުދޮށްތައް ހެދުމާއި އަދި އާންމު ގިނަ ޚިދުމަތްތައްތަކެއްވެސް ވަނީ މިހާރު ޤާއިމުކޮށްފައެވެ. ނަމަވެސް ރަށް ތަރައްޤީކުރުމުގައި ސަރުކާރުގެ އެންމެބޮޑު އިސްކަމެއް ހުރީ، ޕިކްނިކް އައިލެންޑަކީ "ފެހި"، ޢާންމުންނަށް ބޭނުން ކުރުމަށް ހިތް ފަސޭހަ ތަނަކަށް ހެދުމަށެވެ.

ޕިކްނިކް އައިލެންޑް މަޝްރޫޢުގެ ކަންކަން ސަރުކާރު ފަރާތުން އެންމެ ގާތުން ބަލަހައްޓަވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އެގޮތުން މަސައްކަތް ފެށުނީސްސުރެ، މިއަދާ ހަމައަށެވެސް ރަށަށް ވަޑައިގެން މަސައްކަތްތައް ހިންގާނުހިނގާގޮތް ގާތުން އަންނަނީ ބައްލަވަމުންނެވެ.

ކުޑަގިރި ފެހި ކުރުމަށް ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމަކަށް ފަހު، ބުރާފަތިދުވަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރަށް ހުޅުވާލުމަށް ބޭނުންވާ ހުރިހާ ފެސިލިޓީތައް ޤާއިމުކޮށް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. ނަމަވެސް ރަށް އާންމުންނަށް ހުޅުވާލުން ފަސްކުރަން ޖެހުނީ، ސަރުކާރުން ބޭނުންވަނީ ރަށް ފެހިކޮށް ހިތްފަސޭހަތަނެއްގެ ގޮގުގައި އެ ރަށް އާންމުންނަށް ހުޅުވާލުމަށްކަމަށެވެ.

ރަށް ފެހިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި، ސަރުކާރުގެ ގިނަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"މިހާރު އޮތް ގޮތަށްވެސް ހުޅުވިދާނެ. އެކަމަކު އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ، ގަސްތައް ރީއްޗަށް ހެދި، ރަށަށް އަރާ މީހުންނަށް އޭގެ ހިޔާ ލިބުން. މިހާރުވެސް ވަރަށް ގިނަ ގަސް ޖެހިއްޖެ." ނައިބު ރައީސް ވިދާޅުވިއެވެ.

ކުޑަގިރީގައި ރުކާއި ހިޔާލިބޭނެ ބޮޑެތި ގަސްތަކާއި އަދި ބަގީޗާއާއި ގޮނޑުދޮށުން ފެންނަ އެކިކަހަލަ ގަސްތައްވެސް ވަނީ އިންދާފައެވެ. ރަށް ފެހިކުރުމުގެ ޕްރޮގްރާމަށް ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް ދަނީ ގަސް ހަދިޔާކުރަމުންނެވެ. އަދި ގަސްތައް ހެއްދުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބުރާސްފަތި ދުވަހު ކުޑަގިރީގައި ބޭއްވި ރަށް ފެހިކުރުމުގެ ހަރަކާތަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން ހަދިޔާކުރި 1500 ގަސް އިންދުމަށް ބޭއްވި ހަރަކާތެކެވެ.

"އެޗްޑީސީން އެދުނު ބާވަތުގެ ގަސްތައް ރާއްޖެއިން ބޭރުން ގެނެސް މި އިންދީ. 1500ގަހުގެ ތެރޭގައި ގިނައީ އެކިކަހަލަ ބަގީޗާ ގަސް. ރައްޔިތުންނަށް ފައިދާވާނެ، މަންފާ ވާނެ ކޮންމެ ކަމެއްގައި އާރްސީސީން ބައިވެރިވާނަން." އާރްސީސީގެ ޗެއަރމަން މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.

ކުޑަގިރި ފެހިކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި، ބައިވެރިވުމުގެ ފުރުޞަތު އެޗްޑީސީން އޮތީ ހުޅުވާލާފައެވެ. ކުޑަގިރި ހުޅުވުމަށް ސަރުކާރުން މިހާރު އަމާޒުކޮށްފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. ރަށަށް ބޭނުންވާ ޔުޓިލިޓީގެ އެންމެހައި ޚިދުމަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ނިމިފައެވެ.

ސްޕީޑް ލޯންޗުގައި މާލައިން ފުރައިގެން 10ވަރަށް މިނެޓުން ކުޑަކުރިއަށް ދެވޭނެއެވެ.