ޚަބަރު

އައްޔަންކުރި ކޯޓުގައި މަސައްކަތް ނުކުރާތީ ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި


ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު އައްޔަންކޮށްފައިވާ ކޯޓަށް ނުނިކުމެ، އެހެން ކޯޓަކަށް ވަޒީފާއަށް ނިކުންނާތީ ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީން ވިދާޅުވީ ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ނިޝާރު އައްޔަން ކުރެވުނު ނަމަވެސް އޭނާ ވަޒީފާއަށް ނިކުންނަމުން ދަނީ ހަވާލުކުރެވިފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓް ނިޝާރުގެ އިއުތިރާފުން ސާބިތުވާކަމަށެވެ.

މިކަމުގައި އިސްމެޖިސްޓްރޭޓް ނިޝާރު ޢަމަލުކޮށްފައި ވަނީ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާއި ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

އިސްމެޖިސްޓްރޭޓް ނިޝާރުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް ޝާރު ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.