ޚަބަރު

"މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް" މިމަހުގެ 30 އިން 31 އަށް


"މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022" ގެ ނަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީން ޚާއްސަ ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އިން 31 އަށް ބަނޑޮސް މޯލްޑިވްސްގައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މި ކޮންފަރެންސްއާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އޭ.ސީ.ސީގެ އެޑިއުކޭޝަން އޮފިސަރ އައިޝަތު އަފާ ވިދާޅުވީ، މި ކޮންފަރެންސްއަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސެއްކަމަށެވެ. މިއަހަރުގެ ކޮންފަރެންސް ބޮޑަށް ޚާއްސަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށްކަމަށާއި، މިއަހަރު މި ކޮންފަރެންސް ގެނެސްދޭނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާގުޅިގެންކަމަށް އަފާ ވިދާޅުވިއެވެ.

އަފާ ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްގެ ތެރެއިން ކޮރަޕްޝަންގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށެވެ. ހަމައެހެންމެ ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާގުޅޭގޮތުންވެސް ކޮންފަރެންސްގެ ތެރެއިން ޚިޔާލުބަދަލުކޮށް މަޝްވަރާކުރެވޭނެކަމަށް އަފާ ވިދާޅުވިއެވެ.

"އެސްއޯއީތަކަށް ކޮރަޕްޝަނާ ހެދި މި ދިމާވާ ގޮންޖެހުންތަކަކީ ކޮބާތޯ ބަލާ އެ މަޝްވަރާ ކުރެވި، އަދި އެ ގޮންޖެހުންތަކުން އަރައިގަނެ ހޯދިދާނެ ސޮލިއުޝަންތަކަކީ ކޮބާތޯ ބެލި، އެކަންކަން މަޝްވަރާކުރެވިގެންދާނެ. އޭގެ އިތުރުން އެސްއޯއީތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކާ އެބޭފުޅުންނަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ބަލާ ،އެ ބައި އެކްސްޕްލޯރކުރުމަށްފަހު އެ މަޝްވަރާތައްވެސް ކުރެވިގެންދާނެ" އަފާ ވިދާޅުވިއެވެ.

"މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022"ގެ ތީމެއްގެގޮތުގައި އޭ.ސީ.ސީން ކަނޑައަޅާފައިވަނީ "ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހާތްތެރިކަން" އެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ، އެސް.އޯ.އީތަކާގުޅުންހުރި އެކި މުއައްސަސާތައް އެއް ތަނަކުން ބައްދަލުވެ، އެސް.އޯ.އީތަކުގެ ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކާ، އެސް.އޯ.އީތަކާގުޅޭގޮތުން ހުރި ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށް އޭ.ސީ.ސީން ވިދާޅުވެއެވެ.

މި ކޮންފަރެންސްގެ ތެރެއިން ހެޔޮ ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާ، މަޢުލޫމާތު ސިއްރުކުރުމުގެ ސަޤާފަތް ދޫކޮށްލާ، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ޤާއިމުކުރުމާގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ރާއްޖޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮތުގައި 32 ކުންފުނި އެކުލަވާލެވިފައިވެއެވެ. އޭގެ ތެރެއިން 29 ކުންފުނީގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮވެއެވެ. އަދި ސަރުކާރު ހިއްސާވާ 32 ކުންފުނީގެ ތެރެއިން 22 ކުންފުންޏަކީ ހަމައެކަނި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށްވާއިރު، 6 ކުންފުންޏަކީ ޕަބްލިކަލީ ލިސްޓެޑް ކުންފުނިތަކެކެވެ.