ރިޕޯޓް

ގެވެށި އަނިޔާ- އަންހެނުންނަށް ނަފުސާނީ ބިރުވެރިކަމެއް


ރާއްޖޭގެ މި ކުޑަކުޑަ މުޖުތަމަޢުގައި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާގެ ފާޙިސް ޖަރީމާތަކުގެ ސަބަބުން އަންހެނުންނަށް ނަފުސާނީ ބިރުވެރިކަމެއް އިޙްސާސްކުރަން ޖެހިފައިވާކަމަށް މިއަދުގެ ހުކުރުޚުޠުބާގައި ބަޔާންކުރައްވައިފިއެވެ. އަދި ތިމާމެންގެ ޒިންމާގައި ލެއްވި ތުއްތުކުދިންނާއި އަނބީންނަށް ޚަރަދުނުކުރާ ބަޔަކު ދިވެހި މުޖުތަމަޢުގައި އުޅޭކަމަށާއި އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އަރާރުން އުފެދި، ހަރުކަށި ޢަމަލުތައް އިތުރުވާކަމަށްވެސް ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.ރާއްޖޭގެ މިސްކިތްތަކުގައ މިއަދު ދެއްވި ހުކުރު ޚުޠުބާ ބިނާކުރެއްވީ، ރިވެތި ގޮތުގައި މުޢާމަލާތުކުރުމުގެ މައްޗަށެވެ. ޚާއްޞަކޮށް، ގެވެށި އަނިޔާއާއި އަންހެނުންނަށް ކަމޭހިތުމާއި ބެލުމުގައި ދަށުގައި ލައްވާފައިވާ ކުޑަކުދިންނާއި އަންހެނުންނަށް ޚަރަދުކުރުމުގެ މައްޗަށް ޚުޠުބާގައި ބައްލަވާލައްވާފައިވެއެވެ.ގެވެށި އަނިޔާ އިތުރުވެފައިވާ މިންވަރުގެ މައްޗަށް ބައްލަވާލައްވަމުން މިއީ މުޅިދުނިޔެވެސް އެކަމާ ކަންބޮޑުވެ، އެކަން ހުއްޓުމަށް އަޑުއުފުލަމުންދާ ކަމެއްކަމަށް މިއަދުގެ ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.މިއަދުގެ ޚުޠުބާގައި ކުޑަކުދިންނަށް އޯގާތެރިވުމާއި އަޅާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި އެކަމުގެ އުފާވެރިކަމާއި މާތްކަމުގެ މައްޗަށްވެސް ބައްލަވާފައިވެއެވެ. ހަމަ އެހެންމެ  ތިމާމެންގެ ޒިންމާގައި ލެއްވި ތުއްތުކުދިންނާއި އަނބީންނަށް ޚަރަދުނުކުރާ ބަޔަކު ދިވެހި މުޖުތަމަޢުގައި އުޅޭކަމަށް މިއަދު ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.ހުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އަންހެނުންނަށް ހެޔޮކޮށް ހިތުމާއި އޯގާތެރިވުމަކީ ދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. މަގުމައްޗާއި ބާޒާރާއި އޮފީސް އޮފީހުގައިވެސް އަންހެނުންނަށް ކަމޭހިތަންވާނެއެވެ. އަދި ކުޑަކުދިންނަށް އޯގާތެރިވުމާއި އެކުދިންގެ ފަރާތުން މައިންބަފައިންނާއި ބޮޑެތި މީހުންނަށް ލިބޭ އުފާވެރިކަމަށް އިޝާރާތްކުރައްވައި، ކުޑަކުއްޖާގެ ތުއްތު ދުވަސްވަރަކީ، ބާއްޖަވެރިކަމާއި ރީތިކަމާއި ހުވަފެންތަކާއި ލޯތްބާއި ޚިޔާލުގެ ރީތި ދުނިޔެއެއްކަމަށް އިސްލާމްދީން ސިފަކުރާ ކަމުގައި ބަޔާންކުރައްވާފައިވެއެވެ.