އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗްގެ ފޯރި ގަދަވެފައިވަނީ ދެވަނަ ހާފްގައެވެ. މިގޮތުން މެޗްގެ ދެވަނަ ހާފްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ދެޓީމަށްވެސް ލިބިފައިވެއެވެ.
މެޗްގައި ފިލް ފޯޑެންގެ ލަނޑަކާއެކު ސިޓީއަށް ލީޑު ނެގުނު ކަމަށް އެޓީމަށް ހީވި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ޖެހުމުގެ ކުރިން އަރލިންގ ހާލަންޑް ފަބީނިއޯއަށް ފައުލް ކޮށްފައިވާކަން ހާމަވުމާއެކު އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. މި މެޗްގައި ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ލިވަޕޫލްގެ ކީޕަރ އެލިސަން ބެކަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ މުހަންމަދު ސަލާހްއެވެ.
މި މެޗްގައި ސިޓީގެ ނުރައްކާތެރި ފޯވަޑް ހާލަންޑަށް މާރަނގަޅު ފުރުސަތުތަކެއް ލިބުނަނުދީ ލިވަޕޫލުން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މި ސީޒަންގައި ފުރަތަމަ ފަހަރަށް ސިޓީ ލީގު މެޗަކުން ބަލިވުމެވެ. މެޗް ނިމެން ގާތްވެފައިވަނިކޮށް ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ދިއުމާއި ގުޅިގެން ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕްއަށް ވަނީ ރަތް ކާޑު ދައްކާ ބެންޗުން ފޮނުވާލާފައެވެ.
މި ކާމިޔާބީއާއެކު ލިވަޕޫލް މިހާރުވަނީ ތާވަލްގެ އަށް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ނާކާމިޔާބީއާއެކު ސިޓީއަށް މިވަނީ އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެމެދުގައި ފަރަގު އެއް ޕޮއިންޓަށް ކުޑަކުރުމަށް ލިބިގެންދިޔަ ފުރުސަތު ގެއްލިގެން ގޮސްފައެވެ. މި ސިޓީ މިހާރު އުޅެނީ 23 ޕޮއިންޓާއެކު އާސެނަލްއަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައެވެ.