ޚަބަރު

ގޯއްޗާއި ފްލެޓަށް އެދި 35،861 އެޕްލިކޭޝަން، 3 މަސްތެރޭ ވެރިފިކޭޝަންގެ މަސައްކަތް ނިންމަނީ


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު 35,800އަށް ވުރެ ގިނަ ފޯމް ހުށައަޅައިފިއެވެ.

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުޞަތު ހުޅުވާލީ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހަމަވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 00:00 ގައެވެ.

ބޯހިޔާވަހިގެ މައްސަލައަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ވަކިން ޚާއްސަކޮށް ވެރިކަންކުރާ ފުރަ މާލޭގައި މި މައްސަލަ އިންތިހާއަށް ބޮޑެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކާ އެކި ސަރުކާރުތަކުން ތަފާތު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް މިކަމަށް އެކަށީގެންވާ ޙައްލެއް ލިބިފައިނުވާކަމީ އާއްމުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިއީ ހަމައެކަނި މިއަދު ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. މިއީ އެތައް ޒަމާނެއްވީ އިޖްތިމާޢީ ބޮޑު މައްސަލައެކެވެ.

މިކަން މީހާ ބޮޑަށް ގޯސްވެގެންދިޔަ ސަބަބެއްކަމަށް ގިނަ ބަޔަކު ދެކެނީ އެއްވެސް ހަމައެއް ލަމައެއްނެތި މާލޭ ސަރަޙައްދުގެ އާބާދީ އިތުރުވަމުން ދިއުމެވެ. މިހެން މިކަން ދިމާވީ މާލޭ ސަރަހައްދަށް ހުރިހާ ބާރުތަކާއި އަސާސީ ޚިދުމަތްތައް ޖަމާކުރުމުގެ ސަބަބުންނެވެ. ކަންމިހެން އޮތްއިރު މާލެއަށް އިތުރުވަމުންދިޔަ އާބާދީއާއި ބޯހިޔާވަހިކަމުގެ ޑިމާންޑް އޮތް މިންވަރާއި ގާތަށްވެސް އެއްވެސް ސަރުކާރަކަށް އެކަން ކުރެވިފައެއްނެތެވެ.

ނަމަވެސް އަދުގެ ސަރުކާރުން މިވަނީ މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާ އެކަމުގެ މަސައްކަތްތައް ފަށާފައެވެ. މިއީ މާލޭ އެތަކެއް ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނުވާ މަޝްރޫޢުތަކެކެވެ. މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުވާލުމާއެކު އެތައް ބަޔަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ސުންގަޑި ހަމަވިއިރު އެތައް ހާސް ފޯމެއް ހުށައަޅާފައިވެއެވެ.

މީގެ ތެރޭގައި މާލޭގައި މިވަގުތު ތިބި މީހުންގެ އިތުރަށް ރައްޖޭގެން ބޭރުން 64 ޤައުމެއްގައި ތިބި ދިވެހިންވެސް ޕޯޓަލް މެދުވެރިކޮށް ވަނީ ފޯމް ހުށައަޅާފައެވެ. މިގޮތުން ސުންގަޑި ހަމަވިއިރު 35861 ފޯމް ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި ބިންވެރިޔާ ސްކީމްއަށް 15،164 ފޯމު ހުށައަޅާފައިވެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމް ހުށައަޅާފައިވެއެވެ. އަދި މިސްކީމްގެ ދަށުން 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމް ވަނީ ހުށައަޅާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ ގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ ޕޯޓަލްއަށް ފޯމް ހުށައަޅާ ހިސާބުން ފެށިގެން ފޯމްތައް އެވެލިއޭޓްވަމުން ދާނެކަމަށާއި، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ފައިނަލް ވެރިފިކޭޝަން މަސައްކަތްތައް ނިންމާލެވޭނެކަމަށެވެ. އަދި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ ރައްޔިތުންގެ އިތުބާރު ލިބޭނެހެން އިންސާފުވެރިކަމާއެކުގައިކަމަށް އާރިފް ވިދާޅުވިއެވެ.

"ކޮންމެ ރައްޔިތަކަށްވެސް އެންމެ ފަސޭހަ ގަޑީގައި ފޯމް ސަބްމިތް ކުރުމުގެ ފުރުޞަތު ހޯދާދެވިފައިވަނީ.. ޕޯޓަލް ފަރުމާކޮށްފައިވަނީ ފޯމް ސަބްމިޓް ކުރުމަށްފަހު އެވަގުތުންފެށިގެން އިވެލުއޭޝަންގެ މަސައްކަތްތައް އެދަނީ ކުރިއަށް. ފައިނަލް ވެރިފިކޭޝަން ހެދުމަށްޓަކަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެ." ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވިއެވެ.

ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.

މާލެއިން ގޯތިދޫކުރުމުގެ ތާރީޚަށް ބަލާއިރު، މާލޭގެ ދެކުނު ފަރާތުން އަމިއްލައަށް ބިން ހިއްކާގޮތަށް 5 ޖުލައި 1965 ގައި 10 ގޯއްޗެއް ދޫކޮށްފައިވެއެވެ. އަދި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޤްޞަދުގައި މާލޭ ހުޅަނގު ފަރާތާއި، ދެކުނު ފަރާތުގެ ބިން ހިއްކުމުގެ މަސައްކަތް 1979 ވަނަ އޭޕްރީލް 21 ގައި ފެށުނެވެ.

1979 ވަނަ އަހަރުގެ ފަހުންވެސް އެކި ދުވަސްވަރު މާލޭގެ ދެކުނުފަރާތުން ބިން ހިއްކާ ގޯއްޗާއި، ސަރުކާރުގެ އިމާރާތްތައްވެސް ހަދާފައިވެއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އިންޖީނުގެއާއި، ފެން އުފައްދާ ކާރުޚާނާއާއި ދަރުބާރުގެފަދަ ތަންތަން ހިމެނެއެވެ. މިހެން ގޮސް އެކި އަހަރުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަސް ގެންދިޔަނަމަވެސް މާލޭ ރައްޔިތުންނަށާއި، މާލޭ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނާއި، މާލޭގައި ގިނަ ދުވަހު އުޅުނު އެހެން ރަށްރަށަށް ނިސްބަތްވާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކޮށްފައިވެއެވެ. މާލޭ ރައްޔިތުންނަށް ސީދާ އަމާޒުކުރެވިގެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގިފައެއްނެތެވެ. ކޮންމެއަކަސް މާލޭގެ ރައްޔިތުންތިބީ ޒަމާންވީ މި ބޮޑު މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބޭނެ މަންޒަރުތައް މިހާރު މިވަނީ ފެންނަން ފަށާފައެވެ.